ކުޅިވަރު

100 އަށް ވުރެ ގިނަ ކުދިންނާއި އެކު ބާސްކެޓްބޯޅަ ކޭމްޕެއް އައްޑޫގައި ފަށައިފި


ސްޓާސް އެކަޑަމީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ގްރާސް ރޫޓް ލެވެލްގެ ބާސްކެޓްބޯޅަ ޓްރެއިނިންގ ކޭމްޕެއް އައްޑޫގައި ފަށައިފިއެވެ.

މިކޭމްޕް ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ބާސްކެޓް ބޯޅައިގެ ފޯރި އަލުން ދިރުވައި، ބާސްކެޓް ބޯޅަ ކުޅޭނެ ކުދިންތަކެއް ބިނާ ކުރުންކަމުގައި، ސްޓާސް އެކަޑަމީއިން މަޢުލޫމާތުދެއެވެ. މިކޭމްޕުގައި ބައިވެރިވެފައިވަނީ އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލުގެ ސްކޫލުތަކުގެ 10 އަހާރާއި 12 އަހަރާއި ދެމެދުގެ ކުދިންތަކެވެ. މިކޭމްޕުގައި 105 ކުދިންވަނީ ބައިވެރިވެފައެވެ.

އައްޑޫގެ ފުޓްބޯޅަ ސްޓޭޑިއަމުގެ ކައިރީގައި އޮންނަ ބާސްކެޓް ބޯޅަ ކޯޓުގައި ކުރިއަށް ގެންދާ މިކޭމްޕުގައި އަންހެން ކުދިންނަށް އަދި ފިރިހެން ކުދިންނަށް ވަކިވަކިން ސެޝަން ކުރިއަށް ގެންދެއެވެ. ކޭމްޕުގައި ބޮޑަށް ދަސްކޮށްދެނީ ބާސްކެޓް ބޯޅައިގެ ތެރެއަށް އަލަށް ވަންނަ ކުދިންނަށް ކުޅޭނެ ގޮތްތަކާއި، ބޯޅަ ގެންގުޅުމާއި، އަދި ނޫންވެސް ކުޅިވަރުގެ އާންމު ޤަވާއިދުތަކެވެ.

ކޭމްޕާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ސްޓާސް އެކަޑަމީގެ ޕްރޮގްރާމް ޑައިރެކްޓަރ މުޙައްމަދު ނަސީރު ބުނީ، ފުރަތަމަ ދުވަހުގެ ސެޝަނަށް ބަލާއިރުވެސް ކުދިންގެ ވަރަށް ބޮޑަށް ކަންކަން ދަސްކުރަމުން އަންނަކަމަށާއި، މިކުދިންނަށް ފުރުސަތުތަކެއް ދެވިއްޖެ ނަމަ ރަނގަޅު ކުޅުންތެރިންތަކެއް އުފެދޭނެކަމަށެވެ.

މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 18 އިން 20 އާއި ހަމައަށެވެ. މާލޭގައި ބާސްކެޓް ބޯޅަ ތަމްރީނު ޕްރޮގްރާމްތަކެއް މިހާރުވެސް ހިންގަމުން އަންނަ ސްޓާސް އެކަޑަމީއިން މިއަހަރު ކުޅުދުއްފުށީގައިވެސް ދެ ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.