ޚަބަރު

ކިޑްސް ފުޓްސަލް ފިއެސްޓާގެ ކޮންމެ މެޗަކީވެސް ފައިނަލް މެޗެއް - މިނިސްޓަރ ޢަލީ ވަހީދު


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާގުޅިގެން ބާއްވާ "ކިޑްސް ފުޓްސަލް ފިއެސްޓާ"ގެ ކޮންމެ މެޗަކީވެސް ފައިނަލް މެޗެއްފަދަ މެޗެއްކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

"ކިޑްސް ފުޓްސަލް ފިއެސްޓާ"ގެ ގުރުއަތުނެގުމުގެ ކުރިން ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، އޮކްޓޫބަރުމަހުގެ 2ވަނަ ދުވަހު ހެންވޭރު ދަނޑުގައި އޮންނަ މި ފިއެސްޓާގެ ކޮންމެ މެޗަކީވެސް ފައިނަލް މެޗަކަށް ވާނެކަމަށެވެ.

މުބާރާތް ހަމަޖެހިފައިވާގޮތުން ނޮކައުޓް ސިއްޓަމަށް ކުޅެންޖެހޭތީ މުބާރާތުގައި އިތުރަށް ކުރިއަށް ދާން ބޭނުންނަމަ ކޮންމެޓީމަކަށްވެސް ކުޅޭމެޗުން މޮޅުވުން ނޫންގޮތެއް ނޯންނާނެކަމަށެވެ. މިމުބާރާތުގައި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ 17 ސްކޫލުން ބައިވެރިވެފައިވާކަމީ މުބާރާތައް އޮތް ޝައުގާއި ފޯރި ދައްކުވައިދޭކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިކަމުގައި ސްކޫލުތަކުގެ މެނޭޖްމަންޓާއި، އެޑިކޭޝަން މިނިސްޓްރީއާއި ޔޫތް މިނިސްޓްރީއާއި އެފްއޭއެމްއިން ވެދިން އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުބާރާތް ކުރިއަށް ގެންދިއުމުގައި ޓުއަރިޒަމް ދާއިރާގެ އެކި ފަރާތްތަކާއި، މަޓީން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިމުބާރާތުގެ އެންމެބޮޑު އަމާޒަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުންކަމަށާ، މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދުބާއީގައި ހިންގާ ސްޕެނިޝް ސޮކަރ ސްކޫލުގައި ބައިވެރިވުމުގެ ފުރުސަދު ދެވޭނެކަމަށެވެ. އަދި އެންމެ މޮޅު 8 ކުޅުންތެރިންނަށް 13 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ސްކޮޑަށް ނެގުމުގެ ފުރުސަތު ދިނުމަށް އެފްއޭއެމްއިން ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.