ޚަބަރު

ކޮންމެ ޤައުމަކުން ވެސް ދެން އެންމެ ގިނަވެގެން އެތެރެކުރެވޭނީ 150،000 މަސައްކަތުމީހުން - އިކޮނޮމިކް މިނިސްޓްރީ


ކޮންމެ ޤައުމަކުން ވެސް ދެން އެންމެ ގިނަވެގެން މަސައްކަތުމީހުންގެގޮތުގައި، ރާއްޖެއަށް އެތެރެކުރެވޭނީ އެއް ލައްކަ ފަންސާސް ހާސް ބިދޭސީންކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ކޮންޓްރޯލްކޮށް މިކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ވެސް އަދި އިކޮނޮމިކް މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން މިމައްސަލަ ޙައްލުކުރުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ރާއްޖެއަށް އެތެރެކުރެވޭނެ ބިދޭސީންގެ ވަކިލިމިޓެއް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއުސޫލުގެ ދަށުން ދެން ކޮންމެ ޤައުމަކުންވެސް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރެވޭނީ 150000 ބިދޭސީންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ނިންމައިފިން ކޮންމެ ޤައުމަކަށް ވެސް ލިމިޓެއް ކަނޑައެޅުމަށް. އެ ލިމިޓް އަޅުގަނޑުމެން މި ކަނޑައަޅަނީ އަންސްކިލްޑް ލޭބަރ އަށް. މި މައްސަލަ އެންމެ ބޮޑަށް ދިމާވާވެގެން މި އުޅެނީ މި ކެޓަގަރީން. މި ކެޓަގަރީއިން ކޮންމެ ޤައުމަކަށް ވެސް ތިބެވޭނީ 150،000 ބިދޭސީން. މިހާރު ކަންވެފައި އޮތްގޮތުން ބަންގްލަދޭޝްއަށް އިތުރަށް ދެން ބިދޭސީން ވެއްދޭކަށެއް ނެތް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ. ޤަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ޤަވާއިދަށް ފެއްތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީންވަނީ "ރެގިއުލޭޝަން ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއްވެސް ފަށާފައެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސިވިލް ސަރވިސް ކޮމިޝަންގެ އޮފީހުން ހިންގަމުންދާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، އެކަމަށް ޚާއްސަކޮށްފައިވާ އިދާރާގައިއެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރުމަށް "އެމްޕްލޮއިމެންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭސީންނަށާއި އަދި "އެމްޕްލޮއިމެންޓް އެޕްރޫވަލް" ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށް ވެސް މި ޕްރޮގްރާމުގެ ދަށުން ރެގިއުލަރައިޒްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މީގެ ތެރެއިން ވަޒީފާ ދޭނެ ފަރާތެއް ލިބިފައިވާ ބިދޭސީން ރެގިއުލަރައިޒް ވުމަށް ހުށަހަޅަންޖެހޭނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށެވެ. އަދި ވަޒީފާއެއް ދޭނެ އެއްވެސް ފަރާތެއް ލިބިފައިނުވާ ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ 6 މަސްދުވަހުގެ ތެރޭ މިނިސްޓްރީއަށް ހާޒިރުވެ 'ރެގިއުލައިޒް ވާން އެދޭ ދަފްތަރު' ގައި ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އަދި މިޕްރޮގްރާމު މެދުވެރިކޮށް ރަޖިސްޓްރީވާ ބިދޭސީންނަށް 6 މަސްދުވަހުގެ މުއްދަތެއް އޮތް "ރެގިއުލައިޒޭޝަން ކާޑް" ދެވޭނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ކުރިން ބިދޭސީން ޤަވައިދަށް ފެއްތުމަށްޓަކައި އޭރު އިމިގްރޭޝަނުން ކޮންމެ ބިދޭސީއެއްގެ އަތުން 6500 ރުފިޔާ ނަގާކަމަށެވެ. އެހެންނަމަވެސް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން އެއްވެސް ފައިސާއެއް ނެގުމެއް ނެތި ބިދޭސީންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

" ކުރިން ނަމަ އިލީގަލް މީހުން ލީގަލް ކުރުމަށްޓަކައި އިމިގްރޭޝަނުން އެކަން ކުރިއިރު ނަގާ 6500 ގެ ފީއެއް ދައުލަތަށް. އަދި ހަމައެހެންމެ ވިޔަފާރިވެރިންނަށް ވެސް ދަތިތަކެއް ހުރި. އަޅުގަނޑުމެން މިކަން ކުރާނީ ފައިސާ ނެގުމެއް ނެތި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް އިސްމާއީލް ވިދާޅުވީ މި ޕްރޮގްރާމް މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ބިދޭސީން ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.