ޚަބަރު

ހަތަރުވަނަ ކެރިއަރ އެކްސްޕޮލޮރޭޝަން ޕްރޮގްރާމް ޓްރީޓޮޕް ހޮސްޕިޓަލުގައި


ހަތަރުވަނަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރިއަށްގެންގޮސްފިއެވެ.

ޔޫތު މިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަލަށް މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ކެރިއަރ އެކްސްޕްލޮރޭޝަންގެ ހަތަރުވަނަ ޕްރޮގްރާމުގައި 15 ޒުވާނުން ބައިވެރިވެފައިވެއެވެ. ޔޫތް މިނިސްޓްރީގެ ސީނިއަރ ޔޫތު އޮފިސަަރ ޢާއިޝަތު އަރޫޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކުދިންނަށް ކުރިއަށްދާނެ ދާއިރާއެއް ހިޔާރު ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއްކަމަށެވެ.

އަދި މިއަހަރުގެ ތެރޭ ކުރިއަށްގެންދިޔަ ހަތަރު ޕްރޮގްރާމަށްވެސް އެދެވޭ ތަރުހީބެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ކުދިންތަކަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ގޮސްފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުންވެސް ވަނީ މިފަދަ ޕްރޮގްރާމު ތަކުގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އެގޮތުން މިއެކްސްޕްލޮރޭޝަން ޕްރޮގްރާމުން މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަކަން ބައިވެރިން ފާހަގަ ކުރެއެެވެ.

ޓްރީޓޮޕްގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެހޮސްޕިޓަލްގެ އެޗް އާރު މެނޭޖަރ އާމިނަތު ޒިލްމާ ވިދާޅުވީ އެ ހޮސްޕިޓަލުން އަބަދުވެސް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭނުންވާކަމަށެވެ. އަދި މިހާރުވެސް ފުރުސަތުތައް ހުރި ކަމަށާއި އަބަދުވެސް ދިވެހި ޒުވާނުންނަށް މަރުހަބާ ކިޔާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން، ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާ ގެ މާޙައުލާމެދު ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ އެކި ފަރާތްތަކާއި ބައްދަލުވެ މައުލޫމާތު ޙިއްސާ ކުރެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.