ޚަބަރު

ހޭންޑް ފުޓް އެންޑް މައުތު ޑިސީސްއަށް ސަމާލުވޭ - އެޗްޕީއޭ


ކުޑަކުދިންގެ އަތާއި ފަޔާއި އަނގަޔަށްޖެހޭ ބަލި ނުވަތަ ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުން ނުދިޔަނަމަވެސް އެބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އާމިނަތު އަރޫޝާ ވިދާޅުވީ މިދުވަސްވަރު ރާއްޖޭގައި ކުޑަކުދިންގެ އަތާއި ފަޔާއި އަގަޔަށްޖެހޭ ބަލި ނުވަތަ ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ފެތުރެމުންދިޔަނަމަވެސް އަދި އެބަލި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުން ނުދާކަމަށެވެ. ނަމަވެސް މި ބަލި ޖެހިދާނެކަމަށް ސަމާލުވުމަކީ މުހިންމުކަމެއްކަން އަރޫޝާ ވަނީ ފާހަގަކުރައްވާފައެވެ.

އަރޫޝާ ވިދާޅުވީ އެހެނިހެން ގައިންގަޔަށް އަރާ ބަލިތައް ފަދައިން މި ބައްޔަކީވެސް ދޭތެރެ ދޭތެރެއިން ރާއްޖެއިން ފެންނަމުންދާ ބައްޔެއްކަމަށެވެ. އެގޮތުން މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ހުޅުމާލެއާއި ހދ އާއި ރ އަތޮޅުގައި މި ބަލީގެ ކޭސްތަކެއް ފެނިފައިވާކަމަށެވެ.

ހޭންޑްފުޓް އެންޑް މައުތު ޑިސީސް އަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔަފަދަ ތަކެތީގެ ޒަރިއްޔާއިން، އެއްކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ކަމަށް އެޗް.ޕީ.އޭ އިން ބުނެއެވެ. މި ބަލިޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަންފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުމާއި އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތައްކަމަށް ޕަބްލިކް ހެލްތު އޮފިޝަލުން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި ބަލިޖެހިފައިވާ ކުދިން އެހެން ކުދިންނާއި އެކަހެރިކޮށް ގެންގުޅުމާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އަދި ބަލިޖެހިފައިވާ ކުދިން ގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ދޮވެގެން ނޫނީ އެހެން ކުދިން ބޭނުންކުރިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.