ޚަބަރު

ރާއްޖޭގެ ފުރަތަމަ ސައިންޓިފިކް ޖަރނަލް އޭޑީކޭ ހޮސްޕިޓަލުން ނެރެފި


ރާއްޖޭގެ ފުރަތަމަ ސައިންޓިފިކް ޖަރނަލް އޭޑީކޭ ހޮސްޕިޓަލުން ނެރެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ތެރެއިން މި ޖަރނަލް ނެރެދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. "އޭޑީކޭ ޖަރނަލް އޮފް ހެލްތް އެންޑް މެޑިސިން"ގެ ނަމުގައި އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކުރި މި ޖަރނަލްއަކީ ރާއްޖޭގައި މައިބަދައާއި ސިކުނޑީގެ މައްސަލަތައް ދިމާވުމުން ޖެހޭ ބަލިތަށް ތަފްޞީލުކޮށް، މި ބަލިތަކުގެ އެންމެ އެކަށޭނަ ފަރުވާތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޖަރނަލް އެކެވެ. އެގޮތުން މި ޖަރނަލްގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން ތަރައްޤީކުރަމުންދާ ނިއުރޯ ސަރޖަރީއަށް ޚާއްޞަ އެޕާ ގުޅޭ މަޢުލޫމާތުވެސް ދީފައެވެ. ރާއްޖޭގައި މަސައްކަތްކުރާ ނިއުރޯ ސަރޖަނުން އެއް ވިއުގައަކުން ގުޅާލައި މުޢާމަލާތު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އެޕް އޮކްޓޫމަހުގެ އެއްވަނަ ދުވަހު ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދޭ.

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ 3 ވަނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްއަކީވެސް ނިއުރޯ ސައިންސްގެ ދާއިރާއިން އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ކޮންފަރެންސް ސީރީޒްއަކަށް ވާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އެގޮތުން މި ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގެ ޕްރެކްޓިކަލް ބައެއް ކުރިއަށްގެންދިޔަ އިރު، މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، އެމްބީބީއެސް ކިޔަވަމުންދާ ދަރިވަރުންވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެފައެވެ.