ވިޔަފާރި

މޯލްޑިވިއަންއިން ކޮޗިންއަށް ހަފްތާއަކު 3 ދުވަހު ދަތުރުކުރަނީ


މޯލްޑިވިއަންއިން އިންޑިޔާގެ ކޮޗިންއަށް ހަފްތާއަކު 3 ދުވަހު ދަތުރުކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ކޮޗިންއަށް ދަތުރުތައް ފެށުން އިފްތިތާހުކުރުމަށް އިންޑިޔާގެ ކޮޗިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ އަންނަ މަހުގެ 28 ގައި މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ދަތުރު ފަށާނެކަމަށެވެ. އަދި އަލަށް ފަށާ ދަތުރުތަކާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑު ދޮށާއި، ވިލުނޫކުލައިގެ މޫދާއި، މި ހޫނުކަން އިޙްސާސްކުރަން. މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ" ޖެނިފާ ވިދާޅުވިއެވެ.

މި ހަފްތާތެރޭގައި މޯލްޑިވިއަނުން ވަނީ ޓްރިވެންޑްރަމްގައި މޯލްޑިވިއަންގެ އޮފީހެއްވެސް ހުޅުވާފައެވެ. 2008 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން އިން އަންނަނީ ޓްރިވެންޑްރަމަށްވެސް ދަތުރުތައް ކުރަމުންނެވެ. މިދިޔަ 11 އަހަރު ޓްރިވެންޑްރަމުން ހިދުމަތްތައް ދެމުން އައީ އޭޖެންޓުން މެދުވެރިކޮށެވެ. ނަމަވެސް އަލަށް ހުޅުވި އޮފީހުގެ ސަބަބުން ޙިދުމަތް ލިބިގަތުމަށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮޗިންއާއި ޓްރިވެންޓްރަމްގެ އިތުރުން ޗެއްނާއީއަށްވެސް މޯލްޑިވިއަންއިން އަންނަނީ
ދަތުރުކުރަމުންނެވެ.