ޚަބަރު

މާޒިޔާއާއި ދެކޮޅަށް ނުކުންނާނީ އެ ޓީމަކީ ވަރުގަދަ ޓީމެއްކަން ދަނެގެން: އިންމަ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ނުކުންނާނީ އެ ޓީމަކީ ވަރުގަދަ ޓީމެއްކަން ދަނެގެންކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.

ވޯލްޑު ކަޕު އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނަށް ޤައުމީ ފުޓްބޯޅަ ޓީމަށް ވުގުތު ދިނުމުގެ ގޮތުން 37 ދުވަހަށް ދިވެހި ލީގު މެދުކަނޑާލުމަށްފަހު، މާދަމާ ލީގު ފަށާއިރު ދަ ގްރާންޑޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ މާޒިޔާފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނުކުންނައިރު، ވިސްނަން ޖެހޭނެ ކަންތައްތަކެއް ހުންނާނެކަމަށާއި އެ ޓީމަކީ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ ޓީމުކަމަށެވެ. އެހެންކަމުން، މި މެޗަށް މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ފުރިހަމަ އިޙުތިރާމާއެކުކަމަށްވެސް އިންމަ ބުންޏެވެ.

މީގެ ކުރިން މާޒިޔާގެ ކޯޗުކަމުގެ މަޤާމުވެސް އަދާކުރި އިންމަ ބުނީ އޭނާ ކުރިން ކޯޗުކަންކޮށްދިން ކުޅުންތެރިން މާޒިޔާގައި ތިބި ނަމަވެސް މި މެޗުގައި އެކަމުގެ މާ ބޮޑު ފައިދާއެއް ނެގޭނެކަމަށް ގަބޫލްނުކުރާކަމަށާއި ސަބަބަކީ ކުޅުންތެރިން މިހާރު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއެއް ވަރަށް ރަނގަޅަށް ދަސްކޮށްފައިވާތީކަމަށެވެ.

"މާޒިޔާއަކީ ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީީމު. ޤައުމީ ޓީމުގައިވެސް ގިނައީ އެ ޓީމުގެ ކުޅުންތެރިން، އެހެންވީމަ، އަޅުގަނޑުމެން މި މެޗަށް ނުކުންނާނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން. ނަމަވެސް މި މެޗުގައި ދަ ގްރާންޑޭގެ ކުޅުންތެރިން އެންމެ މޮޅު ކުޅުން ދައްކާނެ ހަމަ. ދެން މާޒިޔާގައި މި ތިބީ އަޅުގަނޑު ކުރިން ކޯޗުކަން ކޮށްދިން ކުޅުންތެރިން. އެހެންވިޔަސް އެކަމުގެ ފައިދާއެއް މި މެޗުގައި މާ ބޮޑަކަށް ކުރާނެކަމަކަށް ނުބެލެވޭ. ސަބަބަކީ މިހާރު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު މާ ބޮޑަށް ދަސްކޮށްފައިވާތީ،" ދަ ގްރާންޑޭގެ ކޯޗު ބުންޏެވެ.

ގިނަ ދުވަސްތަކަކަށް ލީގު މެދު ކަނޑާލުމުން އެ ކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނީ ސީޒަން ފެށުމުގެ ކުރިން ޓީމު ވަރަށް ރަނގަޅަށް ދިވެހި ލީގަށް ތައްޔާރުވެ، ލީގުގައި ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ޙާލަތެއްގައި އޮތް ދަނޑިވަޅުގައި ލީގު މެދުކަނޑާލަން ޖެހުމުން ކޮންމެ ކޯޗަކަށްވެސް އެ ކަމުގެ ނުތަނަވަސްކަން އަންނާނެކަމަށެވެ. ނަމަވެސް ދަ ގްރާންޑޭގެ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ދިމާވެފައި އޮއްވާ ލީގު މެދުކަނޑާނުލިނަމަ، ޓީމަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމަށް އިންމަ ބުންޏެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭގެ ކޯޗު ބުނީ ކުލަބުގެ މާލީ ހާލަތު މިހާރު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމަށެވެ.

ލީގުގެ ކުޅުން އޮގަސްޓް 10ވަނަ ދުވަހު މެދު ކަނޑާލިއިރު، ދަ ގްރާންޑޭ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 13 ޕޮއިންޓާއެކު ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި ދަ ގްރާންޑޭއަށްވުރެ 1 މެޗު އިތުރަށް ކުޅެގެން މާޒިޔާ އޮތީ 17 ޕޮއިންޓާއެކުގައެވެ.