ސިޔާސީ

ރޯދަ އެލަވަންސް ހަމަހަމަކޮށް، 3000 ރުފިޔާ ދޭން ފާސްކޮށްފި


ދައުލަތުން މުސާރަ ދޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ތިންހާސް ރުފިޔާ ދޭގޮތަށް އަދި ޕްރައިވެޓް ސެކްޓަރުން މިއާއެއްގޮތަށް އަމަލްކުރުން ހިޖުރީ ގޮތުން އެއް އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ރޯދަ އިނާޔަތް ހަމަހަމަ އުސޫލުން ދިނުމަށް ހިމަނާ ވަޒީފާއާއި ބެހޭ ގާނޫނަށް ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށައެޅުއްވި މި އިސްލާހު ފާސްވީ ފަސްދޮޅަސް މެމްބަރުންގެ އިއްތިފާގުންނެވެ.ފުރަތަމަ ހުށައެޅި އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ތިން ހާސް ރުފިޔާ ދޭން ޖެހޭނެކަމަށެވެ. ނަމަވެސް މި އިސްލާހު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުން މުސާރަ ދޭ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ތިންހާސް  ރުފިޔާ ދޭންވާނެކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުން އެގޮތަށް އަމަލުކުރުން ހިޖުރީ ގޮތުން އެއް އަހަރަށް ފަސްކުރަންވެސް އިސްލާހުކޮށްފައިވެއެވެ.މީގެ އިތުރުން މި އިސްލާހުގައިި ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުން ވަނީ ވަޒީފާ ދޭ ފަރާތުގެ އިހުތިޔާރަށް ދޫކޮށްލާފައެވެ.އިނާޔަތް ހަމަހަމަކުރުމުގެ އުސޫލަށް އަމަލްކުރުން ޕްރައިވެޓް ސެކްޓަރަށް ހިޖުރީ ގޮތުން އެއް އަހަރުގެ މުއްދަތެއް ދިނީ ކުއްލިއަކަށް ގެންނަ މިފަދަ ބަދަލަކުން އަމިއްލަ ކުންފުނިތަކަށް އުނދަގޫތަކެއް ކުރިމަތިވެދާނެތީ ކަމަށ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވިއެވެ.ކޮމިޓީން ދިރާސާކުރި މިރިޕޯޓަށް އެމްޑީޕީން އިސްލާހެއް ހުށައަޅަފައިވެއެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް  ހުށައެޅި އިސްލާހުގައި ވަނީ ރޯދަ އިނާޔަތް ތިންހާސް ރުފިޔާއިން ފަސްހާސް ރުފިޔާއަށް ބޮޑުކުރުމަށެވެ. ނަމަވެސް ޕީޕީއެމް މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، ރޯދަ އެލަވަންސް ތިންހާސް ރުފިޔާ ކަމުގައި ހަމަޖެއްސުމަށް އިތުރަށް 36 މިލިއަން ރުފިޔާ ބޭނުންވިކަމަށާއި، ފަސްހާސް ރުފިޔާއަށް ބޮޑުކޮށްފިނަމަ އިތުރަށް90 މިލިއަން ބޭނުންވާނެކަމަށެވެ. އެއީ މިވަގުތަށް ބަޖެޓަށް ފަސޭހަކަމަކަށް ނުވާނެކަމަށް ނިހާން ވިދާޅުވިއެވެ.ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބޭނުމެއްކަމުގައި މުހައްމަދު އަލީ ވިދާޅުވެފައި ވަނީ، ރަމަޟާންމަހަކީ ހަމަހަމަކަމުގެ މާތްމައްސަރަށްވާތީ ސަރުކާރުގެ އިސްމަގާމެއްގައި ހުންނަ މީހަކާއި ދަށްމަގާމެއްގައި ހުންނަމީހަކަށް އެލަވަންސް ދެއްވުމުގައި ތަފާތުކުރައްވަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބޭނުންފުޅުނުވާތީކަމަށެވެ.ރައީސް ބޭނުންފުޅުވަނީ ހުރިހާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރެއްވުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.