ޚަބަރު

މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މިއަހަރު ހަދާނަން - އަމްރު


މިފްކޯއަށް މަސްކިރުވަން އަންނަ ދޯނިތަކުން ގެންނަ ހުރިހާ މަހެއް ދަތިކަމެއްނެތި ކިރުވޭވަރަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ވިދާޅުވީ މިއަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

ރާއްޖޭގެ އުތުރަށް މަސްވެރިކަން ރަނގަޅުވެ، ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށްވަނީ އޭގެ ޑިމާންޑް ބޮޑުވެފައެވެ. އަމިއްލަ ކުންފުނިތަކުން މަސް ގަންނަ ވަރު ކޮންޓްރޯލް ކޮށްފައިވާއިރު މިފްކޯއިން ދަނީ އެއްވެސް ކޮންޓްރޯލެއްނެތި މަސްވެރިންގެ އަތުން މަސް ގަންނަމުންނެވެ.

މިފްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ ކުންފުނި ފުޅާކުރުމާއި، މަސްވެރިން ބޭނުންވާ ވަަރަށް މަސް ވިއްކޭނެ ކެޕޭސިޓީ ނެތުމުގެ އިތުރުން، މާލީ ގޮންޖެހުންތައް މިފްކޯއަށް އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. އެގޮތުން ކުންފުނި މިހާތަނަށް ހިންގަމުން އައިސްފައިވަނީ ގެއްލުމުގައިކަން ފާހަކޮށް އަމްރު ވިދާޅުވީ މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މިއަހަރު ހައްދަވާނެކަމަށެވެ.

"ކުންފުނީގެ މުޅި ތާރީޚުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވަނީ ވެފައި. ކޮންމެ އަހަރަކު ގެއްލުން އިންތިހާއަށް ބޮޑުވޭ. މިއަހަރު އަލަށް މި ކުންފުނީ ގެއްލުން ނުވެ ހިންގާ ކުންފުންނަކަށް ހަދާނަން." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިފްކޯ އިތުރަށް ފުޅާކޮށް، މަސް ގަނެ ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާ މާލީ އެހީ ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާކަމަށެވެ. އަދި ކުންފުނި ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން ހެދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.

"ފަންޑު ހަމަޖެހިފައިވަނީ. މިފްކޯއިން މަސް ފިނިކޮށް ރައްކާކުރާ މިންވަރާއި، މަސް ދަޅުގައި ބަންދު ކުރާ މިންވަރު އިތުރުކުރުމަށް އަންނަ އަހަރު މަސައްކަތް ފަށާނަން. މިކަމުގެ ޕްލޭން ހަދައި ކުރެހުންތައްވަނީ ނިމިފައި." އަމްރު ވިދާޅުވިއެވެ.

މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް 33 އަހަރު ވެފައިވާއިރު، މިހާތަނަށްވެސް އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ އެއްވެސް އަހަރެއްގައި މަސައްކަތް ކޮށްފައި ނުވާކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ ސަބަބުން ފެލިވަރުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީއާއި، ދަޅުގައި މަސް ބަންދު ކުރާ މިންވަރުވެސް އިތުރުވެފައެއް ނުވެއެވެ. ފެލިވަރަށް މަސް ކިރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ، ވަސީލަތްތައް މަދުވުމުގެ ސަބަބުން މަސް ކިރުމަށް ހޭދަވާ ވަގުތު އިތުރުވުމުގެ މައްސަލައެވެ. އަދި މީގެ ސަބަބުން ދަތިތަކެއް ދިމާވަމުންދާކަން މަސްވެރިން ފާހަގަކުރެެއެވެ.

"ނަންބަރު ނަގައިގެން އެރަށް ދުވަހަކު އެބަ މަޑު ކުރަންޖެހޭ. ބައެއް ފަހަރު މަސްތައް ހަލާކުވޭ. އެހެންވީމާ މިފްކޯގައި މަސް ރައްކާކުރާ މިންވަރު އިތުރު ކުރަންޖެހޭ." މަސްވެރިން ބުންޏެވެ.

މިފްކޯއިން މިދުވަސްވަރު އެވަރެކްޖްކޮށް 200 ޓަނުގެ މަސް މަސްވެރިންގެ އަތުން ގަންނަމުންދެއެވެ. މިފްކޯގެ މަސް ފިނިކުރެވޭ ކެޕޭސިޓީއަކީ 750 ޓަނެވެ. އަދި މީގެތެރެއިން ދުވާލަކު ދަޅުގައި ބަނދުކޮށް ޕްރޮސެސް ކުރެވެނީ 65 ޓަނުގެ މަހެވެ.

އުތުރުން ބާނާ މަހުގެ ނިސްބަތް އިތުރުވެފައިވުމާއެކު ށ. ކީކިމިނީއަށް މަސް ކިރުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ދަޅުގައި ބަންދުކުރާ މަހުގެ އަދަދު އިތުރުކޮށް، އިތުރު މާކެޓްތަކަށް އެކްސްޕޯޓްކޮށް މިފްކޯގެ އާމްދަނީ އިތުރުކުރުމެވެ.