ޚަބަރު

ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން މަޝްވަރާކުރައްވައިފި


ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމާއި ގުޅޭގޮތުން ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓެޓިވްއާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން މަޝްވަރާކުރައްވައިފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ އދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރ މުނީރު ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މިބައްދަލުވުމުގައި ދެބޭފުޅުންވަނީ ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކުދިންގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމާއި، އެކުދިން އިޞްލާޙުވުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއިއެކު، އެފަދަ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެޤާނޫނަށް ޢަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.