ވިޔަފާރި

3 އަހަރުތެރޭގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްވެނިއާރސް ރާއްޖެ އިމްޕޯޓްކޮށްފި


މިދިޔަ 3 އަހަރުތެރޭގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްވެނިއާރސް ރާއްޖެއަށް އިންޕޯޓްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަންނު އެކްސްޕޯ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވުމުން މިނިސްޓަރ ފައްޔާޞު ވިދާޅުވީ، 3 އަހަރުތެރޭގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްވެނިއާރސް ރާއްޖެއަށް އިންޕޯޓްކޮށްފައިވާކަމަށާއި، އުންމީދަކީ ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި އިމްޕޯޓްކުރެވޭ ސްވެނިއާރސް މަދުކޮށް ދިވެހި އުފެންދުންތެރިން އުފައްދާ މިފަދަ އުފެއްދުންތައް މާކެޓްގައި ވިއްކާނެދުވަހެއް އައުންކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް މިއަހަރު ދިވެހިރާއްޖޭގައި ކޮންމެ ރިސޯޓެއްގައިވެސް ދިވެހި އުފެއްދުން ވިއްކާނެ ވަކި ތަނެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އުފެއްދުމެއްކަން އިނގޭ ލޯގޯއެއް ފަރުމާކުރަމުންދާކަމަށާއި ސީދާ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް އެ ލޯގޯ ބޭނުންކުރެވޭނެ ގޮތްތައް ހަދާނެކަމަށެވެ.

"ބީސީސީ މެދުވެރިކޮށް އަޅުގަނޑުމެން މިހާރުވެސް ބައެއް ރިސޯޓުތަކާއި ވާހަކަދައްކަމުން މިދަނީ، އަޅުގަނޑުމެންގެ ޓާގެޓަކީ ދިވެހިރާއްޖޭގެ ކޮންމެ ރިސޯޓެއްގައިވެސް ދިވެހި އުފެއްދުން ވިއްކާނެ ވަކި ތަނެއް ހުރުން. އަދި އެކަން ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަރުމާކުރަމުން އެބަދަން ދިވެހިރާއްޖޭގެ އުފެއްދުމެއްކަން އިނގޭނެ ލޯގޯއެއް. މިދިޔަ 3 އަހަރުތެރޭގައި 100 އަށްވުރެ ގިނަ މިލިއަން ރުފިޔާގެ ސްވެނިއާރސް ވަނީ ދިވެހިރާއްޖެއަށް އިންޕޯޓްކުރެވިފައި." މިނިސްޓަރ ފައްޔާޞު ވިދާޅުވިއެވެ.

ދިވެހި މަސައްކަތްތެރީންގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށް އަންނަ މަހު އެއާޕޯޓުގައި ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި ސްވެނިއަރ ބާޒާރުގައި އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.