ޚަބަރު

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ހަފްތާ ފާހަގަ ކުރުމަށް ބޭއްވި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮއްފި

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ހަފްތާ ފާހަގަކުރުމަށް ބޭއްވި ބެޑްމިންޓަން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަ ތަކަށް ދިޔަ ޓީމްތަކަށާއި ބައިވެރިންނަށް މެޑެލް އާއި ޓްރޮފީ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ރޭ އެސްކޫލް ހޯލުގައިވަނީ ހާއްޞަ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ބެޑްމިންޓަން ރަނަރަޕް އަދި ޗެންޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ދީފައިވެއެވެ. އެގޮތުން ބެޑްމިންޓަން ފިރިހެން ޗެންޕިއަން އަކީ ވީނަސް ހައުސް އެވެ. އަދި އަންހެން ޗެންޕިއަން އަކީ ޕުލޫޓޯ ހައުސް އެވެ. މީގެ އިތުރުން އަންހެން އަދި ފިރިހެންވެސް އެންމެ މޮޅު 5 ކުޅުންތެރިން ހޮވާ ޓްރޮފީ ދިނެވެ.

މަދަހަ މުބާރާތުގެ ޗެންޕިއަން ޓީމަކީ މާޒް ހައުސް އެވެ. އަދި ރަނަރަޕް އަކީ މާރކަރީ ހައުސް އެވެ. މަދަހަ މުބާރާތުގައި ވެސް އެންމެ މޮޅު 5 ފަރާތް ހޮވާ ޓްރޮފީ ދިނުވެ.

މުބާރާތްތަކުގެ ވަނަތަކަށް މެޑަލްއާއި ޓްރޮފީ ޙަވާލް ކޮއްދެއްވީ ޝަރަފްވެރި މެހްމާނާ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިޙާ އިދުރީސްއާއި އޭއީސީގެ ޕްރިންސިޕަލް ޝަހީދާ އަލީގެ އިތުރުން އެސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް މުހައްމަދު ދާއޫދެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުންބުނީ ބެލެނިވެރިން ހަފްތާ ފާހަގަކުރުމާއި ޚާއްޞަކޮށް މިފަދަ މުބާރާތްތަކެއް ބޭއްވުމުގެ މަޤްޞަދަކީ ބެލެނިވެރިންނަށް އެބޭފުޅުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދަ ދިނުމުގެ އިތުރުން ބެލެނިވެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މިއީ މިގޮތަށް ބެލެނިވެރިންގެ ހަފްތާ އެސްކޫލްގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ.