ވިޔަފާރި

ފަންނު އެކްސްޕޯ ރަސްމީކޮށް އިފްތިތާޙުކޮށްފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" އިފްތިތާޙުކޮށްފިއެވެ. މި އެކްސްޕޯ އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަންނު އެކްސްޕޯގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމެވެ.

މި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިންގެ ހުރި ހުނަރުތަކަކީ މުޅި ދުނިޔެއާ އަޅާބަލާއިރުވެސް ފަޚުރުވެރިވާންޖެހޭވަރުގެ ހުނަރުތަކެއްކަމަށެވެ. އެހެންކަމުން މިކަންކަން ދިރުވުމަކީ ދިވެހި ޤައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސުކޫލް ކުދިންނަށްވެސް މިފަދަ ކަންކަން ދަސްކޮށްދީ ދިވެހިންނަކީ ފަންނުވެރިކަމުގެ ރޮނގުންވެސް ކުރިއަރާފައިވާ ޤައުމަކަށް ހައްދަވާނެކަން ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

"މިއަދުގެ ސްކޫލް ނިޒާމުތަކުގެ ތެރެއިންވެސް މިހުނަރުތަކާއި ފަންނުވެރިކަން ދިވެހި ދަރިވަރުންނަށް ދަސްކޮށްދީ ދިވެރިރާއްޖެއަކީ އުފެއްދުންތެރިކަމުގެ ރޮނގުންވެސް ކުރިއަރާފައިވާ ޤައުމަކަށް އަޅުގަނޑުމެން އެންމެ އެކުގައި މަސައްކަތްކޮށްގެން ހަދާނަން. އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ ދިވެހިން ވާދަކުރާ ކަމެއްގައި ދިވެހިންނާއި ވާދަކޮށްފައި އެރޭހުގައި ވަކި ކޮންބަޔަކަށްތޯ ކުރިއެރިފައިއޮތީ" ނައިބު ރައީސް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަފުޅުކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވީ، ފަންނު އެކްސްޕޯގެ ބޭނުމަކީ ދިވެހި ފަންނުވެރިން ގޮވައިގެން ބާޒާރަށް ނުކުމެ އެމީހުންނަށް މާކެޓް ހޯދައިދިނުންކަމަށެވެ. އެހެންކަމުން ފަންނު އެކްސްޕޯއިން އެންމެ ރަނގަޅު ފަރާތްތަކަށް އެމީހުން ވިޔަފާރިއެއް ފެށުމަށް އެހީތެރިވެދޭނެކަމަށާއި، އަންނަ މަހުގެ ތެރޭގައި އެއަރޕޯޓް ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ފިހާރައެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

"ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް އަޅުގަނޑުމެން މި ގަސްތުކުރަނީ އެންމެ ރަނގަޅު ވަނަތައް ލިބޭފަރާތްތަކަށް ވިޔަފާރިއަކަށް އެކަން ބަދަލުކޮށްގެން ކުރިއަށްގެންދިއުމަށް އެސްއެމްއީގެ ލުއި ލޯނު ލިބޭނެގޮތް ހަމަޖައްސައިދިނުން. އޮކްޓޯބަރ މަސްތެރޭގައި އެމްއޭސީއެލްގެ އެއްބާރުލުމާއިއެކު ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވިގެންދާނެ އެތަނުގައި ދިވެހި ފަންނާނުންގެ ވިއްކޭނެގޮތް ހަމަޖެހިގެންދާނެ. ހަމައެއާއެކު ސްވެނިއަރ ބާޒާރުގައި އަޅުގަނޑުމެންގެ އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން." މިނިސްޓަރ ފައްޔާޞު ވިދާޅުވިއެވެ.

ފަންނު އެކްސްޕޯ އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި ފަންނު އެކްސްޕޯ ގައި ރަން ވަނައަށްހޮވޭ ފަސް ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ފަސް މިލިއަން ރުފިޔާގެ އެއްބަސްވުމުގައި އެސްޑީއެފްސީއާއިއެކު ވަނީ ސޮއިކޮށްފައެވެ.
ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 22އިން 28ގެ ނިޔަލަށެވެ. މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.