ޚަބަރު

އިންޑިއާގެ އާރްސީސީއާއެކު ސޮއިކުރި އެއްބަސްވުމާއެކު ކެންސަރުގެ ބަލިމީހުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ - އަމީން


ރާއްޖޭގައި ކެންސަރަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނީ މުޅި ކެންސަރ ޕްރޮގްރާމަކީ ބަލި މީހާއަށް ފަސޭހައިން ޚިދުމަތްދެވޭ ޕްރޮގްރާމަކަށް ހެދުމަށްކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެއާއ އިންޑިއާގެ ރީޖަނަލް ކެންސަރ ސެންޓަރާއެކު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ފޯނުންދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ޢާއްމުކޮށް ފެންނަ ބައްޔެއްގެ ގޮތުގައި ކެންސަރު ފާހަގަކުރެވޭއިރު މިއެއްބަސްވުމުގެ ދަށުން އާރުސީސީއާގުޅިގެން ރާއްޖެއިން ފެންނަ ކެންސަރުގެ ބާވަތްތަކާއި ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރާއްޖޭގައި މިދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ކެންސަރުގެ ފަރުވާގެ މުޅި ޕްރޮގްރާމްގެ ފެންވަރުވެސް މަތިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިެވެ. އަދި އެގެ ސަބަބުން ކެންސަރުގެ ބަލިމީހުންނަށް ދެވޭ ފަރުވާއަކީ ފަސޭހައިން ލިބިގެންދާ ފެންވަރުގެ ޚިދުމަތަކަށް ހެދިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވޭނެ. މީގެ އެންމެ މުހިއްމު އެއްކަމަކީ އިންޑިއާގެ ތަޖުރިބާކާރުންގެ އެހީލިބި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާކޮށް އެހީތެރިކަން ރާއްޖެއަށް ލިބިގެންދިޔުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައިތިބި ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމާއެކު ދަފުތަރުއެކުލަވާލުމުގައިވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކުރެވޭ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އާރުސީސީގެ ޓީމެއް ރާއްޖެއައިސް އެންމެ ފުރަތަމަ ރަނގަޅުކުރަންޖެހޭކަންކަން ބަލައި އެކަންކަމުގައި ރާއްޖެއަށް އެހީވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކެންސަރު ބައްޔަށް ރާއްޖޭގައިދެވޭ ފަރުވާ ހަރުދަނާކޮށް ކުރިއެރުވުމަށް ޚާއްސަ މަގު ޗާޓެއްވެސް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާގެ އާރުސީސީއަކީ ކެންސަރަށް ދެވޭ ފަރުވާގައި މިސަރަޙައްދުގައިވެސް ފަހަގަކޮށްލެވޭ ހޮސްޕިޓަލެކެވެ. ކެންސަރާމެދު ޢާއްމުން ހޭލުންތެރިކުރުމާއި ކެނސަރާބެހޭ ޚާއްސަ ދިރާސާތައްކޮށް މިދާއިރާއިން ގިނަ ކާމިޔާބީތަކެއް އާރުސީސީންވަނީ ހޯދާފައެވެ.