ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ


އައްޑޫ ސިޓީ މަރަދޫ-ފޭދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެ މީހާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް އިތުރު ފަރުވާ ބޭނުންވާކަމަށެވެ. އޭނާ ލިބުނު އަނިޔާތައް ސީރިއަސްކަމުން އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ނަމަވެސް އޭނާގެ ބޭރު ފުށުން އެއްވެސް ބޮޑު އަނިޔާއެއް ފެންނަން ނެތްކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މަރަދޫ-ފޭދޫ ބީއެމްއެލް ބްރާންޗު ކުރިމަތިން، ލިންކްރޯޑުގައި މި އެކްސިޑެންޓު ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އަނިޔާވީ މީގެ ތެރެއިން އެއް ސައިކަލް ދުއްވި މީހަކަށެވެ. އަނެއް ސައިކަލުގައި ތިބި މީހުން ފިލާފައިވާކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 17:55ގައެވެ.