ސިއްހަތު

ދިއްފުށީ ހެލްތް ސެންޓަރަށް އިތުރުކުރި ބައި ރަސްމީކޮށް ހުޅުވައިފި


އަލިފުޅު ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން، ކ. ދިއްފުށީ ހެލްތް ސެންޓަރަށް އިތުރުކުރި ބައި ރަސްމީކޮށް ހުޅުވައި ސަރުކާރާ ހަވާލުކޮށްފިއެވެ.

އެތަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

ދިއްފުށީ ހެލްތް ސެންޓަރުގައި މިހާރު ހުރި އިމާރާތަށް ވަނީ 6 އެނދުގެ ވޯރޑަކާއި، ވިއްސާ ކޮޓަރިއަކާއި، ޕަބްލިކް ހެލްތް ޔުނިޓެއްގެ އިތުރުން ލޯންޑްރީއެއް އިތުރުކޮށްފައެވެ.

އަލަށް އިތުރުކުރިބައި ހުޅުއްވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ގެނެވުނު ބަދަލާއިއެކު، މިހާރު ހުރި އިމާރާތަށް ދިމާވެފައިވަ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކ. ދިއްފުށީ ހެލްތް ސެންޓަރުގެ މަސައްކަތް އަށްގަޑިއިރުން ސޯޅަ ގަޑިއިރަށް ބަދަލު ކުރުމަށް ރައްޔިތުން އެދެމުންދާތީ، ޚިދުމަތްދިނުމުގެ މިންގަނޑަށް ބަލައި، އެކަމަށް ކުރެވެންހުރި ކަންތައް ކޮށްދެއްވާނެ ކަމަށެވެ.

ދިއްފުށީގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ސިއްޚީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާއިރު، ރަށުގެ ނަރުދަމާއަކީ މުހިއްމު ކަމަކަށްވާތީ، ދިއްފުށީގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިއްފުށީ ހެލްތް ސެންޓަރަސް އަލަށް އިތުރުކުރި ބައިގެ މަސައްކަތް ފަށާފައިވަނި މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދިއްފުށީ ހެލްތް ސެންޓަރަށް އިތުރު ކުރި ބަޔަކީ އެ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން 3.9 މިލިއަން ޚަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.