ސިޔާސީ

12 ޖޫންގައި ބާއްވަނީ ސުލްހަވެރި މުޒާހަރާއެއް- އިދިކޮޅު ފަރާތްތައް


އިދިކޮޅު ފަރާތްތަކުން މިމަހުގެ 12 ވަނަދުވަހު މާލޭގައި ކުރިއަށްގެންދާނީ ސުލްހަވެރި، ދިގުދެމިގެންދާ މުޒާހަރާއެއްކަމަށް އިދިކޮޅު ފަރާތްތަކުގެ އިއްތިހާދުން ބުނެފިއެވެ.އިދިކޮޅު ބައެއް ޕާޓީތަށް ގުޅިގެން އެކުލަވާލާފައިވާ އިއްތިހާދުގެ ފަރާތުން މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.ޑީ.ޕީގެ ނައިބުރައީސް މުހައްމަދު ޝީފާޒް ވިދާޅުވީ މި މުޒާހަރާ ކުރިއަށްގެންދާނީ މަޖީދީ މަގުގައި ކަމަށާއި، މެއި މަހުގެ 1 ވަނަދުވަހު ބޭއްވި ވަރުގެ ބޮޑު މުޒާހަރާއެއް މިފަހަރުވެސް ބާއްވާނެކަމަށެވެ.މިފަހަރުވެސް މިހަރަކާތުގައި ޖުމްހޫރީ ޕާޓީން ބައިވެރިވެފައެއް ނުވެއެވެ. އެޕާޓީން ބުނީ މިއެއްވުމަށް އެޕާޓީން ތާއީދު ކުރުމަށްވެސް ނުވަތަ ނުކުރުމަށްވެސް ނިންމާފައިނުވާކަމަށެވެ.މޭ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާގައި ބޮޑެތި ހަމަނުޖެހުން ހިންގައި، މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ވާޖިބުތަކަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި އެތައް ބައެއްގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ.ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވަނީ މުޒާހަރާ އިންތިޒާމުކުރި އިސްފަރާތްތަކުގެ ޝިކާރައަކަށްވެ އަތޮޅުތަކުން އައި ވަރަށް ގިނަ ބަޔަކަށް މުޒާހަރާގެތެރޭގައި ކުށްކުށަށް އަރައިގަނެވި ޝަރީއަތާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރެއްވޭކަމަށެވެ.