ޚަބަރު

ތަރައްޤީގެ ޕްލޭންގެ ދަށުން ޢުމުރާނީ ތަރައްޤީއާއި އެއް ހަމައެއްގައި އިންސާނީ ވަސީލަތްވެސް ތަރައްޤީކުރާނެ - މިނިސްޓަރ ޝިޔާމް


ސަރުކާރުގެ ތަރައްޤީގެ ޕްލޭންގައި ޢުމުރާނީ ތަރައްޤީއާއި އެއް ހަމައެއްގައި އިންސާނީ ވަސީލަތުގެ ދާއިރާ ތަރައްޤީކުރާނެކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، އައިޖީއެމްއެޗްއިން ކުރިއަށްގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އައިޖީއެމްއެޗްއިން ކުރިއަށްގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ދެ ވަނަ ބެޗްގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ވަނީ ސިއްޙީ ދާއިރާއަކީ ސަރުކާރުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އުމްރާނީ ތަރައްޤީއާއި އެއް ހަމައެއްގައި އިންސާނީ ވަސީލަތްތައް ތަރައްޤީވެގެން ނޫނީ އެދެވޭ ތަރައްޤީ ނާންނާނެކަމަށެވެ. އެގޮތުން އުފާވެރި ހިތްހަމަޖެހޭ މާހައުލަކާއި ފެންވަރު ރަނަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމައް ތައުލީމީ ތަޖުރިބާގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އުފާވެރި ހިތްހަމަޖެހޭ މާހައުލަކާއި ފެންވަރު ރަނަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމައް ތަޢުލީމީ ތަޖުރިބާ މުހިންމު. އެގޮތުން ތަމްރީނުގެ މުހިންމުކަން މިކަމުން މި ފާހަގަވަނީ. ސަރުކާރުގެ ވިސްނުމަކީ، ޢުމުރާނީ ތަރައްޤީއާއި އެއް ހަމައެއްގައި އިންސާނީ ވަސީލަތުގެ ދާއިރާ ތަރައްޤީކުރުން." މިނިސްޓަރ ޢަލީ ޝިޔާމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން ކުރިއަށްގެންދިޔަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗްގައި ޖުމުލަ 5 ޑޮކްޓަރަކު ވަނީ ގްރެޖުއޭޓްވެފައެވެ. ރާއްޖޭގައި މުޅިން އަލަށް މެޑިކަލް އިންޓަރންސިޕް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އެމްބީބީއެސް ނިންމުމަށްފަހު ސިއްޚީ ދާއިރާގައި މަސައްކަތް ފެށުމަށްޓަކާ ބޭނުންވާ 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ފުރިހަމަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އައިޖީއެމް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ސަބަބުން އިންޓާންޝިޕް ފުރުޞަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.