ޚަބަރު

ދައުލަތުގެ މީޑިއާއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ގިނަ ފަރާތްތަކަކަށް ޝަރަފުވެރި ގިނަ އެވޯޑުތަކެއް


މީޑިއާ ކައުންސިލުން ބޭއްވި ދިވެހި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގެ ޝަރަފްވެރި ގިނަ އެވޯޑްތަކެއް ދައުލަތުގެ މީޑިޔާއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ފަރާތްތަކަށް ލިބިއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ދިވެހި ނޫސްވެރިކަމުގެ އެވޯޑް ހަފްލާއަކީ ނޫސްވެރިކަމުގެ ދާއިރާގައި އެކި ރޮގޮރޮގުން ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްޞަ އެވޯޑު ދިނުމަށް ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި އެވޯޑު ދީފައިވާ ބައެއް ފަރާތްތަކަކީ ނޫސްވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރޭގެ އެވޯޑު ޙަފްލާގައި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އުމަރު މަނިކަކީ 1982ވަނަ އަހަރު ނޫސްވެެިކަމުގެ ދާއިރާއަށް ނުކުންނެވި ޚިދުމަތްތެރި ބޭފުޅެކެވެ. ރޭޑިއޯ ނޫސްވެރިއެއްގެ އިތުރުން ރޭޑިއޯ ޚަބަރުކިއުމާއި، ޕްރޮގްރާމްތައް އުފެއްދުމާއި ޕްރޮގްރާމް ހުށަހެޅުމާއި ރޭޑިއޯއިން ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގައިވެސް މަނިކަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ ނިއުސް ޑިޕާޓް މަންޓުގެ އެންމެ އިސްވެރިޔާގެ މަޤާމާއި ދައުލަތުގެ މީޑިއާ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށިފަހުން އެތަނުގެ ބޯޑުގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި 9 ބޭފުޅުންގެ ތެރޭގައި ހިމެނޭ ޢަބްދުﷲ ރަމީޒާއި މުޙައްމަދު ޝާތިރާއި މުޙައްމަދު ޖިނާހު އާއި ސައިފް އަޒްހަރާއި ޙުސައިން މުޙައްމަދާއި މުޙައްމަދު ޖަވާދު ޔޫސުފަކީ ދައުލަތުގެ މީޑިއާގައި ރޭޑިއޯ މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންތަކެކެވެ. މި ބޭފުޅުންނަކީ މިހާރުވެސް އެކި ގޮތްގޮތުން ނޫސްވެރިކަމުގެ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މީގެ ތެރެއިން ބައެއް ބޭފުޅުން ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅުންނެވެ.

މި ބޭފުޅުންގެ އިތުރުން ރޭގެ އެވޯޑު ޙަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގަތް 12 ބޭފުޅުންގެ ތެރޭގައިވެސް ދައުލަތުގެ މީޑިއާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ މުޙައްމަދު އަފްސަލަކީ ރޭޑިއޯ ރިޕޯޓަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އަދި ދައުލަތުގެ މީޑިއާގައި ޓީވީއާއި ރޭޑިއޯގައި ފާހަގަކޮށްލެވޭ ކަވަރޭޖްތަކެއް ގެނެސްދީފައިވާ އަދި މިހާރު ޕީއެސްއެމް ނިއުސްގެ އެކްޓިންގ ހެޑެވެ.

މީގެ އިތުރުން މި އެވޯޑު ލިބިލެއްވި ޝެހެނާޒް ޢަބްދުއްރަހުމާނަކީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވި ފުރަތަމަ އަންހެން ނޫސްވެރިއާއެވެ. ޝެހެނާޒަކީ މުހިންމު އޮންލޮކޭޝަން ރިޕޯޓުތަކާއި ފާހަގަކޮށްލެވޭ ކަވަރޭޖްތަކެއް ރޭޑިއޯ މެދުވެރިކޮށް ގެނެސްދީފައިވާ ނޫސްވެރިއެކެވެ، ދިވެހިރާއްޖޭގެ އަޑުގައި ރިޕޯޓަރެއްގެ ގޮތުގައި މީގެ 31 އަހަރު ކުރިން ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވި ޝެހެނާޒަކީ ޕީއެސްއެމް ނިއުސްގެ އެގްޒެކެޓިވް އެޑިޓަރެއްގެ މަޤާމުގައި މިހާރުވެސް ނޫސްވެރިކަމުގެ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ.

އަދި ރޭގެ ހަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގަތް ހަފްސީ ޢަބްދުﷲ އަކީ ދައުލަތުގެ މީޑިއާގައި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމާއި ޕްރޮގްރާމް އުދެއްދުމުގައި ގިނަ ދުވަސްތަކެއް ވަންދެން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގަތް މުޙައްމަދު ވަހީދަކީ ފޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަދި މިހާރު ޕީއެސްއެމް ނިއުސްގެ ފޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ ފާހަގަކޮށްލެވޭ ފޮޓޯގްރާފަރެކެވެ.

މީޑިޔާ ކައުންސިލްގެ އެވޯޑް ނައިޓްގައި ދެވުނު އެވޯޑްތަކުގެ ތެރެއިން ޝަރަފްވެރި ގިނަ އެވޯޑްތައް ދައުލަތުގެ މީޑިޔާއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ފަރާތްތަކަށް ލިބިފައިވާއިރު ދައުލަތުގެ މީޑިއާއިން ދަނީ ނޫސްވެރިން އުފެއްދުމާއި މީޑިއާއާ ގުޅުންހުރި ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓު މެދުވެރިކޮށް މީހުން ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ދައުލަތުގެ މީޑިއާގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ތަމްރީނު ދީ ޤާބިލު ފަރާތްތަކެއް ބިނާކުރުމަށްވެސް ދައުކަތުގެ މީޑިއާއިން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.