ޚަބަރު

ޕީއެސްއެމްގެ ޤާނޫނާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފަ - ނާއިބު ރައީސް


ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫނާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނަށް ބަދަލުތައް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރިކަމަށާ، އެއީ ހެޔޮވެރިކަމުގެ ސިޔާސަތުތަކުގެ އެއްބައިކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އެކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކަންކަން ހިނގުމަކީ، ނޫސްވެރިކަމަށްވެސް އަދި ޑިމޮކްރަސީއަށްވެސް އޮތް ބޮޑު ބިރެއްކަން ފާހަގަކުރައްވައި ނާއިބުރައީސް ވިދާޅުވީ، މީޑިއާތަކުގެ މަސައްކަތްތައް، ހާމަކަމާއެކު ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާ އިރަށް، ޤައުމީ ޕްރެސް ކްލަބެއް އުފެއްދުން. އަދި ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނައުމަށް ވަނީ ރޭވިފައި.
އަދި ނޫސް އިދާރާތަކުގެ މަސައްކަތްތައް، ހާމަކަމާއެކު ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ. އަޅުގަނޑުމެންގެ އަމާޒެއް" ނާއިބު ރައިސް ވިދާޅުވިއެވެ.

ނޫސްވެރިކަމާއި ނޫސްވެރިންގެ ޒިންމާގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ،
މި ސަރުކާރު ފެށުނު އިރު، ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އަދި ނޫސްވެރިން ޖަލަށްލައި، ޓެރަރިޒަމްގެ ދަޢުވާކޮށް ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނާއިބް ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން، ޤައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށެވެ. އަދި އެއީ ސަރުކާރު ހިންގަން ތިބޭ ބަޔަކަށް، އެކަމުން ފަސޭހައެއް ލިބޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ނާއިބް ރައީސް ވަނީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު ރައްކާތެރިކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ދެމިއޮތްހާ ދުވަހަކު، ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމަށާއި، މީޑިއާތަކުން ސަރުކާރަށް ފާޑުކިޔަނީ، ސަރުކާރާ ދެކޮޅުވެރިވެގެން ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.

"މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކު. އެމިނިވަންކަން ދިނުމުން، ސަރުކާރަށް ލިބުނު އެއްވެސް ގެއްލުމެއް ނެތް، ލިބުނީ ފައިދާ. ނޫސްވެރިންނަށާއި ނޫސްވެރިކަމަށް، ސަރުކާރުގެ ފަރާތުން މިހާތަނަށް، އެއްވެސް ނުރައްކަލެއް ފޯރާފައެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ނުވެސް ފޯރާނެ. ހަމައެފަދައިން އެއްވެސް މީޑިއާއަކާ ދެކޮޅަށް، ސަރުކާރުން އެއްވެސް މުއައްސަސާއަކަށް މައްސަލައެއްވެސް ހުށަހަޅާފައެއް ނުވާނެ. ނޫސްވެރިން އެމީހުންގެ މަސައްކަތުގައި ކުރިއަށް އެދަނީ ފުރިހަމަ މިނިވަންކަމާ އެކުގައި" ނާއިބުރައިސް ވިދާޅުވިއެވެ.

ނާއިބް ރައީސް ވިދާޅުވީ ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނީ ދާއިރާއަށް ބޭނުންވާ ތަމްރީނާއި މަތީ ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށްގެންކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ މުހިއްމު އެއް ސިޔާސަތުކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރެވޭނެކަމަށާއި، ކުރިއަށް އޮތް އަހަރުތަކަކީ، ރާއްޖޭގެ ނޫސްވެރިކަމަށް، ވަރަށް ފާގަތި އަހަރުތަކަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކޮންމެ ޙައްޤަކާއި ކޮންމެ މިނިވަންކަމަކާ އެކުގައި ޒިންމާތަކެއް އޮނާތީ، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފާއިރު، ޒިންމާދާރުވުމަކީ ނޫސްވެރިންވެސް ކޮންމެހެން ހިފަހައްޓަންޖެހޭނެ ހަމައެއްކަމަށްވެސް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.