ސަޢުދީ ޢަރަބިއްޔާގެ ތެލުގެ މަރުކަޒުތަކަށްދިން ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާންކަމަށް ބުނެ، އެމެރިކާއިން ކުރި ތުޙުމަތުތަކަށް އީރާނުން އިންކާރުކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޢައްބާސް މޫސަވީ ވިދާޅުވީ އެމެރިކާގެ ތުޙުމަތުތަކަކީ އެއްވެސް އަސާސެއްނެތް، ހަޤީޤަތާއި ޚިލާފު ތުޙުމަތުތަކެއްކަމަށެވެ.
އެމެރިކާގެ ތުޙުމަތުތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސް ކޮމާންޑަރަކުވަނީ އީރާނުން އޮތީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް ވިދާޅުވެ އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވައިފަ ތިބި އަސްކަރީ މަރުކަޒުތަކާ ފައުޖުތައް ތިބީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައިކަން އެމެރިކާއަށް ހަނދާންކޮށްދީފައެވެ. ރިވޮލިއުޝަނަރީ ގާޑުންގެ ވައިގެ ޙަރަކާތްތަކުގެ ވެރިޔާ ޢަމީރް ޢަލީ ޙައްޖީޒާދާއާ ޙަވާލާދީ އީރާނުގެ ތަސްނީން ނޫސް އެޖެންސީ ބުނީ ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ހަނގުރާމައިގެ މަނަވަރުތައްވަނީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބެއްގައިކަން ހުރިހާ ފަރާތްތަކަކުންވެސް ދަންނަންޖެހޭނެކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ އިރުމަތީގައި އޮންނަ ބަގީޤްއާއި ހިޖްރަތު ޚުރައިސްގައިވާ ތެޔޮ އުފައްދާ ދެ މަރުކަޒަކަށް ހޮނިހިރު ދުވަހު ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޔަމަންގެ ހޫޘީ ޖަމާޢަތުންނެވެ. ނަމަވެސް މި ޙަމަލާތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދޭ ޙަމަލާތަކުގެ ތެރެއިން 100 ޙަމަލާގެ ފަހަތުގައި އޮންނަނީ އީރާނުކަމަށެވެ. އަދި އީރާނުން މި ޙަމަލާތައް ދެމުންދާއިރު އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީއާއި ޚާރިޖީވަޒީރު މުޙައްމަދު ޖަވާދު ޒަރީފްދަނީ ސިޔާސީ ގޮތުން މައްސަލަތަކަށް ޙައްލު ހޯއްދެއްވުމަށް މަސައްކަތްކުރައްވާކަމަށް ހެދިވަޑައިގަންނަވަމުންކަމަށްވެސް ޕޮމްޕެއޯ ތުޙުމަތުކުރެއްވިއެވެ.
ޕޮމްޕެއޯ ވިދާޅުވީ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެގެންދާނެފަދަ ފިޔަވަޅުތަކުން ދުރުވުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި އީރާނުންވަނީ ދުނިޔޭގެ ތެލުގެ ސިނާޢަތަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީފައިކަމަށާއި ހަރުކަށި ޢިބާރާތުން އީރާނުގެ ޙަމަލާތައް ކުށްވެރިކުރުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް އެމެރިކާއިން ގޮވާލާކަމަށެވެ.