ޚަބަރު

ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓުމާއެކު، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދޭނަން - ރައީސް


ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓުމާއެކު، ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިތާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރަށް އދ. އިން ކަނޑައަޅާފައިވާ "ބައިވެރިވުން" ނުވަތަ "ޕާޓްނާޝިޕް" ޝިޔާރުގައިވާ ފަދައިން ޤައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، ދިވެހި ރައްޔިތުން ވަރަށް ގާތުން ތަޖުރިބާ ކޮށްފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރަސީއަކީ ކޮންމެ ޤައުމަކަށް އަދި ކޮންމެ މުޖްތަމަޢަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއްކަމަށާއި، އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެއްކަމަށެވެ.

"މި އުޞޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެއެވެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ޤައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެކަމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިޙްސާސް ކުރެވިއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާ ގޮތް މިދިޔަ އަހަރުގެ ތެރޭގައި ޢަމަލީ ގޮތުން ތަޖުރިބާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. އިން މިއަހަރުގެ ޑިމޮކްރަސީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިޢާރެކަމަށާއި، ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުޢާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެއީ، ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކާއި ޞުލްޙަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާކަން ހާމަކުރައްވާފައެވެ.

ޑިމޮކްރަސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަމެއްކަމަށާ، ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެއްކަމުން، އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުންކަމަށާއި، އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުންކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމާއި، ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުންމަކީވެސް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.