ޚަބަރު

ޚިޔާލު ތަފާތުވުމުން، މަޝްވަރާ އާއި ބަހުސްކޮށްގެން ހައްލު ގެންނަން ހިތްވަރުދޭންޖެހޭ - ރައީސް


ޚިޔާލު ތަފާތުވުމުން، މަޝްވަރާ އާއި ބަހުސްކޮށްގެން ހައްލު ގެންނަން ހިތްވަރުދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން މުއައްސަސާތައް ހަރުދަނާކުރަން މިހާރަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، ޚިޔާލު ތަފާތުވާ ކަންކަމުގައި، މަޝްވަރާ އާއި ބަހުސްކޮށްގެން ހައްލު ގެންނަން ހިތްވަރުދޭން ޖެހޭކަމަށެވެ.

ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ތާރީޚްތަކުން ދައްކާގޮތުން މުޅި ދެކުނު އޭޝިއާގެ އެންމެފުރަތަމަ ޤާނޫނު އަސާސީސީއެއް އެކުލަވާލާފައިވަނީ 1932 ވަނަ އަހަރު މިކުޑަކުޑަ ދިވެހިރާއްޖެއިންނެވެ. ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ޤާނޫނުއަސާސީއެއް އެކުލަވާލައި އަމަލުކުރަން ފަށާފައިވަނީ 7 އޮގަސްޓް 2008ގައެވެ. މި ޤާނޫނު އަަސާސީ ތަސްދީޤް ކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމެވެ.

މިޤާނޫނު އަސާސީއާއެކު ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ރާއްޖޭގެ ގިނަ ކަންކަން ބަދަލުވެ، ދައުލަތުގެ 3 ބާރު ވަކިކޮށް، މިނިވަން މުވައައްސަސާތައް އުފެދި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ ސިއްރު ވޯޓަކުން ޤައުމުގެ ރައީސަކު އިންތިޙާބް ކުރުމުގެ ފުރުޞަތުވެސް ތަނަވަސްވެގެންދިޔައެވެ.

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އުފަންކުރުވި ޤާނޫނުއަސާސީއާއެކު ރާއްޖެއަށް އައިސްފައިވާ ބަދަލުތަކަކީ މިއަދު ރާއްޖެ މިދެކޭ ތަރައްޤީގެ އަސްލުކަމަށް ދެކޭބަޔަކުވެސް މަދެއްނޫނެވެ. ހަމައެއާއެކު ޤާނޫނު އާސާސީއާއިއެކު ލިބިގެންދިޔަ ބަސްބުނުމުގެ މިނިވަންކަމާއި، ޙިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުލިބޭފަދަ މިނިވަންކަމެއްކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ.

ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރަމުންދާއިރު އިންޓަރޕާލިމަންޓްރީ ކައުންސިލުން ޑިމޮކްރަސީގެ އާންމު ޤަރާރެއް 1997 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އެކުލަވާލާފައެވެ. މައިގަނޑު 23 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މިޤަރާރަކީ ޑިމޮކްރަސީ ހަރުދަނާކޮށް ޑިމޮކްރަޓިކް އުސޫލުތައް ހިންގުމަށް އެއްބަސްވެވިފައިވާ ޤަރާރެކެވެ. މި ޤަރާރުގައި ޑިމޮކްރަސީ ޤާއިމްވެފައި އޮވެއްޖެނަމަ ވެރިކަމަށް އާދެވޭނެ ގޮތާއި، ވެރިކަން ދެމެހެއްޓޭނެ ގޮތް ކަނޑައަޅާފައިވެއެވެ. އަދި ރައްޔިތުން ބޭނުންވާ ވެރިޔަކު ސިއްރުވޯޓަކުން އިންތިޙާބްކުރުމުގެ ފުރުޞަތު ދިނުމަށްވެސް މި ޤަރާރުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ޖަވާބުދާރީވުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްކަމުގައިވެސް ބުނެފައިވެއެވެެ. އެގޮތުން ޖަވާބުދާރީވުމުގައި މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ ބާރުތަކާއި، އިންތިޙާބްކުރެވޭ މަޤާމުތަކުގައި ތިބޭފަރާތްތަކުގެ ކިބައިން ހާމަކުރަންޖެހޭ ކަންކަން ހާމަކުރަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ރާއްޖޭގައި މިނިވަންކަމާއެކު ވެރިޔަކު ހޮވުމަށް މިހާތަނަށް 3 އިންތިޙާބެއް ބޭއްވިފައިވާއިރު މި އިންތިޙާބްތަކާއި، އިންތިޙާބަށްފަހު އައިވެރިކަންތަކަކީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ގިނަ ކަންކަން ތަޖުރިބާކޮށް ވަރަށް ގިނަ ކަންކަން ދަސްވެގެންދިޔަ އިންތިޙާބްތަކެކެވެ.