ޚަބަރު

އައްޑޫ ހައި ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހަދަން ބަޔަކާ ޙަވާލުކޮށްފި


އައްޑޫ ހައި ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔަކާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީން މިމަޝްރޫޢު ޙަވާލުކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫ ހައިސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ 2 ބުރީގެ ޢިމާރާތެކެވެ. ޕީއެސްއައިޕީބަޖެޓުން 7.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތުގެ މަސައްކަތް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އައްޑޫ ހައި ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 570 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ދެފާޚާނާ ބަރީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުންނާނެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ. މިމަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު މުޙައްމަދެވެ. އިނޯކާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމެވެ.

މިސްކޫލު އުފެދިގެން އައީ 2011ވަނަ އަހަރު އޭރު ސާނަވީ ފެންވަރަށް ކިޔަވައި ދެމުންއައި އިސްލާމީއްޔާ ސްކޫލް އުވާލުމަށް ފަހުއެވެ. ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައިއޮންނަނީ ސްކޫލު ހޯލެއްނެތުމުގެ މައްސަލައެވެ. އިސްލާމިއްޔާ ސްކޫލުގެ ގޮތުގައި މިސްކޫލުގެ ހިންގި ދުވަސްވަރު ސްކޫލުގެ ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އައި ޕާޓިޝަން ޖަހައިގެން ބޭނުން ކުރަމުންދިޔަ ކްލާސްރޫމު ބަރިއެކެވެ. ނަމަވެސް ހައިސްކޫލަށް ބަދަލުވީފަހުން ޙަފްލާތައް ބާއްވަނީ ސްކޫލުގެ ގޯތިތެރޭގައި އޮންނަ ހުސް ބިމުގައެވެ.

އައްޑޫ ހައި ސްކޫލަކީ އައްޑޫގައި ހަމައެކަނި މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭ އެންމެބޮޑު ސްކޫލެވެ. މިސްކޫލުގައި މިހާރުވެސް ގާތްގަނޑަކަށް 500 އެއްހައި ދަރިވަރުން ކިޔަވަމުންދެއެވެ. މަތީ ސާނަވީ ތަޢުލީމު ޙާސިލު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުދިން އެސްކޫލަށްދެއެވެ.