ޚަބަރު

އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖުގައި ރާއްޖޭގެ ކުޅުންތެރިން ވިސްނާނީ ނަތީޖާއަށްވުރެ ބޮޑަށް ތަޖުރިބާއަށް


މޯލްޑިވެސް އިންޓަރނޭޝަނަލް ބެޑުމިންޓަން ފިއުޗަރ ސީރީޒް އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖަކީ ރާއްޖޭގެ ކުޅުންތެރިން ނަތީޖާއަށްވުރެ ބޮޑަށް ތަޖުރިބާތަކެއް ހޯދާނެ މުބާރާތްތަކެއްކަމަށް ބެޑުމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިފްޝާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 17ން 29ގެ ނިޔަލަށް ކުރިއަށްދާ މޯލްޑިވެސް އިންޓަރނޭޝަނަލް ބެޑުމިންޓަން ފިއުޗަރ ސީރީޒް އަދި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 45 ޤައުމަކުން 250އަށްވުރެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.

ބެޑުމިންޓަން އެސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިފްޝާން ވިދާޅުވީ ރަޝިޔާ، ސްޕެއިން، ޖަރުމަންވިލާތް އަދި ޔޫކްރެއިނުން މި މުބާރާތުގައި ވާދަކުރާނެކަމަށާއި މި ބުބާރާތުގައި އެ ޤައުމުތަކުން ބައިވެރިކުރާނީ އެ ޤައުމުތަކުގެ އެއްވަނަ ކުޅުންތެރިންކަމަށާއި މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށެވެ. އަދި މިއީ އަމިއްލަ ޤައުމުގައި މޮޅެތި ބެޑުމިންޓަން ކުޅުންތެރިންގެ ކުޅުން ބަލާލުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށްވެސް އިޝްފާން ވިދާޅުވިއެވެ. އަދި މި މުބާރާތްތަކުގައި ވާއްދަކޮށް ކުއާޓަރ ފައިނަލާ ހިސާބަށް ރާއްޖޭގެ ކުޅުންތެރިން ދަތުރުކުރުންވާނީ ބޮޑު ކާމިޔާބަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މި މުބާރާތްތަކުގައި ތަފާތު މޮޅެތި ކުޅުންތެރިން ވާދަކުރާނެ. ނަމަވެސް މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަޖުރިބާއަކަށްވާނެ. ޙާއްސަކޮށް މި ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ރާއްޖޭގެ ކުޅުންތެރިންނަށް ދަސްވާނެ،'' އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިދާޅުވިއެވެ.