ޚަބަރު

ފުލް ސްކޭލް ޑްރިލްއަކަށް އެއަރޕޯޓް ބަންދުކުރަނީ


މާދަމާ ހަވީރު ހަތަރަކުން ފެށިގެން އިރުއޮއްސި ހަތްގަޑި ތިރީހަށް އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ބަންދުކޮށް، ފުލް ސްކޭލް އިމަރޖެންސީ
އެކްސަސައިޒެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެއަރޕޯޓްސް ކޮމްޕެނީން
ބުނެފިއެވެ.



"މާކަނާ ދެހާސްފަނަރައިގެ" ނަމުގައި، މިޑްރިލް މާދަމާ
ކުރިއަށްދާއިރު އެގަޑީގައި އެއަރޕޯޓްގައި އެއްވެސް ފްލައިޓް އޮޕަރޭޝަނެއް
ކުރިއަށްނުދާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.



މިޑްރިލް ހަޤީޤަތާއި އެއްގޮތްކުރުމުގެ ގޮތުން ޒަޚަމްވެފައިވާކަމަށް
ދައްކުވައިދޭ ފަސިންޖަރުން އެއަރޕޯޓުން އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމާއި
ފަރުވާ ދިނުން ކުރިއަށްދާނެކަމަށާއި،އެހެންކަމުން އާއްމުން ހާސްވެ ކަންބޮޑުނުވުމަށް
އެފަރާތުން އެދެއެވެ.



އެކްސަސައިޒްގެ ޑައިރެކްޓަރ މޫސާ ސާލިޙް ވިދާޅުވީ މިޑްރިލް ކުރިއަށްދާއިރު
އެއަރޕޯޓްސްގެ ރަންވޭ އޮންނާނީ ބަންދުކޮށްފައިކަމަށެވެ. އެގޮތުން އެގަޑީގައި
ޑޮމެސްޓިކް އެއްވެސް ފްލައިޓެއްގެ އޮޕަރޭޝަން ޝެޑިއުލްކޮށްފައި  ނެތްކަމަށާއި، އިންޓަރނޭޝަނަލް ފްލައިޓްތަކުގެ
ތެރެއިން ކުރިން އޮތް އެއް ފްލައިޓް މިހާރު އެއަރލައިނުން އެހެން ގަޑިއަކަށް
ބަދަލުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ސީޕްލޭން އޮޕަރޭޝަންތައް
ކުރިއަށްދާނެކަމަށް ސާލިޙް ވިދާޅުވިއެވެ.



މޫދުގައާއި އެއްގަމުގައި ކުރިއަށްގެންދާ މިޑްރިލް އޮބްޒާވްކުރުމުގައި
އެއަރޕޯޓްސްގެ ކަމާއިބެހޭ މުވައްޒަފުންގެ އިތުރުން، ބައިނަލްއަޤްވާމީ
ފަރާތްތަކުންވެސް ހަރަކާތްތެރިވާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން މަޢުލޫމާތުދެއެވެ.




މިޑްރިލްގައި ފަސިންޖަރުންނާއި ފަސިންޖަރުންގެ އާއިލާ މީހުންގެ ގޮތުގައި އާއި
އިމަރޖެންސީގައި ހަރަކާތްތެރިވާ އެމްއެންޑީއެފް، ފުލުހުން، އޭވިއޭޝަން ސެކިއުރިޓީ،
ހޮސްޕިޓަލްތަކާއި އަދިވެސް ކަމާ ގުޅުންހުރި ފަރާތްތައް ހިމެނޭގޮތަށް އެއްހާސް
މުވައްޒަފުން ޙަރަކާތްތެރިވާނެއެވެ.



މިޑްރިލްއަކީ އެއަރޕޯޓް އޮޕަރޭޓިންގ ސެޓްފިކެޓް ވެލިޑޭޓްކޮށް
ދެމެހެއްޓުމަށްޓަކައި ކޮންމެ 2 އަހަރަކުން އެއް ފަހަރު އެއަރޕޯޓް އިމަރޖެންސީ
ޕްލޭން ޓެސްޓްކުރުމަށްޓަކައި، ޕްލޭންގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް
ހިންގަންޖެހޭ ފުލްސްކޭލް އިމަރޖެންސީ އެކްސަސައިޒެއްގެ ސިފައިގައި ކުރިއަށްގެންދާ
ޑްރިލްއެކެވެ.