ރާއްޖޭގެ އުތުރުން ބާނާ މަސް ށ. ކީކިމިނީއަށް ކިރުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށް މިފްކޯއިން ބުނެފިއެވެ.
މިދިޔަ އޯގަސްޓް މަހުންފެށިގެން ރާއްޖޭގެ އުތުރަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ އެކި ސަރަހައްދުތަކުން މަސްވެރިކަން ކުރުމަށް އުތުރުގައި ހަރަކާތްތެރިވަމުންދިއުމާއެކު ޅ. ފެލިވަރަށް މަސް ކިރުވުމުގައި ލަސްތަކެއް ކުރިމަތިވަމުން ދިޔަނަމަވެސް މިފްކޯއިން އަންނަނީ މަސް ދޯނިތައް ކިއުގައި ބައިތިއްބައިގެން މަސް ގަންނަމުންނެވެ.
މިގޮތަށް ކިއުގައި ތިބެންޖެހުމުން މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ދީދީ ވިދާޅުވީ، މަސް ކިރުވުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވަނީ ފެލިވަރަކީ ގިނަ އަދަދެއްގެ މަސް އެއްފަހަރާ ކިރުވޭނެ އިންތިޒާމު އަދި ހަމަޖެހިފައިވާ ތަނަކަށް ނުވުމާއި، އެއިންތިޒާމު ހަމަޖެހިފައި ހުރި ގއ. ކޫއްޑޫއަށް ކަލެކްޓިން ވެސަލްތަކުގައި މަސްގެންދިއުމަށް ވަގުތުތަކެއް ހޭދަވާތީކަމަށެވެ.
އެހެންކަމުން މިކަން ހައްލުކުރުމައްޓަކައި ރާއްޖޭގެ އެހެނިހެންތަންތަނުގައި މަސްގަތުމަށް ޤާއިމްކޮށްފައިވާ ވަސީލަތްތައްވެސް މިފްކޯއިން ބަލަމުންދާކަމަށް މުޙައްމަދު ދީދީ ވިދާޅުވިއެވެ. އެގޮތުން ކުރިއަށްއޮތް 3 ވަރަކަށް ދުވަހުގެ ތެރޭގައި ހޮރައިޒަން ފިޝަރީޒްއިން ކީކިމިނީގައި ތަރައްގީކޮށްފައިވާ މަސްފެކްޓްރީއަށް މަސް ކިރުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިފްކޯއިން ހާމަކުރެއެވެ.
"މިސާލަކަށް ކީކިމިނި. ފެލިވަރުކައިރީގަ މިހާ ބޮޑަށް މަސްވެރިން ޖަމާވެފައި އޮތީމަ، ކީކިމިނީއަށްވެސް މަސްކިރޭނެ ގޮތެއްވޭތޯ މިފްކޯއިން ދަނީ ބަލަމުން. އެހެން ނަމަވެސް އތަނަކީ އަދި އޮޕަރޭޝަން ފަށައިގެން ހިންގާތަނަކަށް ނުވާތީވެ، ވަގުތުން ވަގުތައް އެކަން ފަށައިގަނެވޭކަށްނެތް. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެތަން ތައްޔާރުވެއްޖެއްޔާ މިފްކޯއިން ވިސްނަމުންދަމީ ކީކިމިންޏައްވެސް މަސްނަގައި ރައްކާކުރުމަށް" މުޙައްމަދު ދީދީ ވިދާޅުވިއެވެ.
މިފްކޯއިން ބުނީ މާދަމާ ފެލިވަރަށް 300 ޓާނާ ކައިރިކުރާ މިންވަރަށް ފެލިވަރު ބަދަރުން މަސްކިރުވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، އެކަމުގެ ސަބަބުން މިހާރު ކިިއުގައިތިބި ދޯނިފަހަރަށް ކޮންމެވެސް ވަރަކަށް ލުއި ލިބިގެންދާނެކަމަށެވެ.
ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުންދިޔަ ނަމަވެސް އެސަރަހައްދުން ބާނާ މަސްވެސް ގެންދަނީ ރާއްޖޭގެ ދެކުނުގައި އޮންނަ ގއ. ކޫއްޑޫއަށްކަމަށާއި، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖުން 3000 ޓަނުގެ ކެރިއަަރ ބޯޓެއްގައި އެރަށުން މަސް ބަރުކުރަމުންދާތީ މަސް ރައްކާކުރުމަށް އެކުންފުންޏަށް ދަތި ނުވާކަމަށާއި އުނދަގޫކަމަކަށް ވަނީ ފެލިވަރުން ކޫއްޑޫއަށް މަސްއުފުލަން ގިނަ ވަގުތު ހޭދަވާތީކަމަށް މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރ ވިދާޅުވިއެވެ.
"ދިމާވާ ދައްޗަކީ ބޯޓެއް ފެލިވަރުން ކޫއްޑޫއަށް މަސްއުފުލަން ޖެހޭތީ އެއޮންނަ ދުރުމިން މިސާލަކަށް ކަލެއްކްޓަރ ބޯޓެއް ކޫއްޑުން ފެލިވަރަށް މަސްގަންނަން އަންނަނަކަމައްވަންޏާ 48 ގަޑިއިރު ކަނޑުމަތީގަ ހޭދަވޭ. މަސްގަނެގެންދާއިރުވެސް، އެހެންވީމަ ހަތަރު ފަސްދުވަސް ހޭދަވޭ މަސް ދަތުރަކަށް" މުޙައްމަދު ދީދީ ވިދާޅުވިއެވެ.
ހުރި ދަތިތަކާއެކުވެސް މަސްވެރިން ބާނާ މަސް މެދުނުކެނޑި ކިރުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެކުންފުނިން ކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ފެލިވަރުން އުފެއްދޭ މިންވަރަށް ދޯނިތަކަށް އައިސް ފޯރުކޮށްދިނުމާއި، ކައިރި ރަށްތަކުންވެސް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
އުތުރަށް މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާއިރު، ކުރިން ދުވާލަކު ފަސްދޮޅަހެއްހާ ޓަނުގެ މަސްގަނަނަ ފެލިވަރަށް، އިތުރު ބޯޓުތައް ގެންގޮސްގެން މިދުވަސްވަރު ދުއިސައްތައެއްހާ ޓަނުގެމަސް ކިރުވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.