ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ސަރުކާރުން ފަހެއް ނުޖެހޭނެ - ރައީސް


މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ވިއުގަތައް ބަންދުކޮށް އެކަން ހުއްޓުވުމުގެ މަސައްކަތް ފަސްޖެހުމެއް ނެތި ސަރުކާރުން ކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ފޮހެލުމުގައި މުޅި މުޖުތަމަޢާ، އަމިއްލަ ފަރުދުންގެ ދައުރުގެ މުހިންކަން ރައީސް ޞާލިޙްވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ދިވެހި ޒުވާން ޖީލު، އެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއްކަން ހާމަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެ ސިޔާސަތުތައް ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީނު ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ނުޙައްޤު ނަފާ ހޯދުމަށް ދިވެހި ދަރީންގެ މުސްތަޤްބަލު ހަލާކުކުރަމުން ގެންދާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ ވިޔަފާރީގެ ވިއުގަތައް ބަންދުކޮށް ހުއްޓުވުމަށް، ސަރުކާރުން ފަހަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމައްޓަކައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވަން ގަސްދުކޮށްފައިވާކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާއި ޙާލަތާ ގުޅޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑު މިދަނީ މިހާރު ކުރަމުން. މި ޤާނޫނު މުރާޖަޢާކޮށް، މި ޒަމާނަށް ފެތޭގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް، މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ ގަސްދުކޮށްފައި" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އަދުގެ ސަރުކާރުން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، އޭގެތެރޭގައި ތެރޭގައި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެއްސުމަށް އޮޕަރޭޓް ކުރަމުން ގެންދިޔަ ސިއްރު ކެފޭތަކެއް ހޯދައި، އެތަންތަން ބަންދު ކުރެވިފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތައްވަނީ މި ސަރަޙައްދާއި، ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާވެސް ގުޅިފައިކަމަށާއި، އެފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައިކަމީ ފެންނަން އޮތް ޙަޤީޤަތެއްކަމަށެވެ.

"ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ" ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން ހަރުދަނާކަމާއެކު މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ފޮހެލުމުގައި މުޖުތަމަޢާއި، އަމިއްލަ ފަރުދުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، އެންމެގެ ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލުވުމަށް ފަސޭހަވެގެންދާނެކަމަށެވެ.