ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާދޭ ޚާއްސަ މަރުކަޒު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ - ރައީސް


މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާދޭ ޚާއްސަ މަރުކަޒެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީއަކީ، ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތުތަކަކާއި، ޚާއްޞަ ފަރުވާތަކެއް ދޭންޖެހޭ ބައެއްކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ގާނޫނުން ލާޒިމުކުރާ މަރުކަޒު މިހާތަނަށްވެސް ޤާއިމުކުރެވިފައި ނުވާތީ، އެފަދަ ކުދިންނަށް ދޭންޖެހޭ ފަރުވާ ދޭން ފެށިފައި ނުވުމަކީ ހިތާމަކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ވީހާވެސް އަވަހަށް ގާއިމްކުރަން ސަރުކާރުން ނިންމަވާފައިވާކަން ރައީސް ވަނީ މިއަދު ޢިއުލާންކުރައްވާފައެވެ.

"ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މި މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ. މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން، އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާއި، އެ ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ މިހާރު ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ޒަމާނީ ވަސީލަތްތަކާއެކު ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، ޚިދުމަތް ފުޅާކުރުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީގެ އިމާރާތް، ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ގެނެވޭ ބަދަލާއެކު، ނެޝަނަލް ޑްރަގް އޭޖެންސީގެ ޚިދުމަތްތައް ތަރައްޤީ ކުރެވޭއިރު، ޒަމާނީ ޑީޓޮކްސް ކްލިނިކަކާއި، ފަރުވާގައި ތިބޭ މީހުން އުފައްދާ ތަކެތި ވިއްކާނެ ބިޒްނަސް ސެންޓަރެއްވެސް އެތަނުގައި ޤާއިމުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަކޮށް، އެމީހުންނަށް ވަކިން ފަރުވާދެވޭނެ އިންތިޒާމުތަކާއި، ޒަމާނީ ތަހުލީލުތައް ކުރެވޭ ލެބޯޓްރީއަކާއި، ޤައުމީ ދިރާސާ މަރުކަޒަކާއި، ހިލޭ ކައުންސިލިންގ ދެވޭނެ އިންތިޒާމުތައްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެ.

މީގެ އިތުރުން މިހާތަނަށްވެސް ގާއިމުނުކުރެވިހުރި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

"މަސްތުވާތަކެތި ބޭނުންކުރުމާއި، އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަޙުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ޚާއްޞަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ، މާލެއަތޮޅު ގުޅިފަޅުގައި ޤާއިމުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މިހާތަނަށް ޤާއިމުނުކޮށް އޮތް ނަމަވެސް، މި ސެންޓަރު ޤާއިމުކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް" ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ދިވެހި ދަރީން ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ، ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީގެން އެމީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.