ކުޅިވަރު

ދާވިދް ޑެ ޚެޔާ ނެތްތަން ޔުނައިޓަޑަށް ފޫބެއްދޭނެ: ވަން ޑަރް ސާރް


މެންޗެސްޓަރ ޔުނައިޓެޑުގެ އެއް ނަންބަރު ގޯލްކީޕަރު ދާވިދް ޑެ ޚެޔާ ކުލަބު ދޫކޮށްލިޔަސް އެ މަޤާމަށް ކުޅޭނެ މޮޅެތި ކީޕަރުން އެބަތިބިކަމަށް އެ ޓީމުގެ ކުރީގެ ގޯލްކީޕަރު އެދްވިން ވަން ޑަރް ސާރް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ޑެ ޚެޔާގެ ކޮންޓްރެކްޓް އައުކުރުމުގެ މަސައްކަތް ޔުނައިޓަޑުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑެ ޚެޔާއާއި ޔުނައިޓަޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެއެވެ. އަދި އެއްވެސް އަގަކާ ނުލާ، ޑެ ޚެޔާއަށް ޔުނައިޓެޑް ދޫކޮށް، އެހެން ކުލަބަކަށް ސޮއިކުރެވޭނެއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބުކަމަށްވާ، ޔުނައިޓެޑުގެ ޗީފް ސްޕޯޓްސް ޑިރެކްޓަރުގެ މަޤާމަށް ގެންނަން އެންމެ ބޮޑަށް އެ ކުލަބުން މަސައްކަތް ކުރާ ނެދަލެންޑްސްގެ ކުރީގެ އެއް ނަންބަރު ކީޕަރު ބުނީ ފުލަމް ދޫކޮށް ޔުނައިޓެޑަށް އޭނާ ބަދަލުވީ އުމުރުން 34 އަހަރުގައިކަމަށާއި ޔުނައިޓެޑަށް ކުޅޭނެ މޮޅެތި ކީޕަރުން ލިބޭނެކަން މިކަމުންވެސް ދޭހަވާކަމަށެވެ. އަދި ޕްރިމިއަރ ލީގުގައި މިހާރުވެސް ވަރަށް މޮޅަށް ކުޅޭ ކީޕަރުން ތިބިކަމަށާއި ކީޕަރެއް ހޯދުމުގެ މައްސަލައަކީ ޔުނައިޓެޑުން ހާސްވާންޖެހޭނެކަމެއް ނޫންކަމަށްވެސް ވަން ޑަރް ސާރް ބުންޏެވެ.

ނަމަވެސް، ކޯޗު އޮލޭ ގަނަރ ސޮލްޝަޔަރ ބުނެފައިވަނީ ޑެ ޚެޔާ ޔުނައިޓެޑުގައި ހުރުމަށް އޭނާ ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި އައު ކޮންޓްރެކްޓްގައި ޑެ ޚެޔާ ސޮއިކުރާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑުކަމަށްވެސް ޝޮލްޝަޔަރވަނީ ބުނެފައެވެ.