ޚަބަރު

ރާއްޖެ ދަތުރުކުރަމުންދަނީ ނުރައްކަތެރި މިސްރާބަކަށް - މިނިސްޓަރ އިމްރާން


ކުރިއަށް އޮތް ދިހައަހަރަށް ބެލިނަމަވެސް ރާއްޖެ ދަތުރުކުރަމުންދަނީ ނުރައްކަތެރި މިސްރާބަކަށްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދަޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލްގެ އިނާމްދިނުމުގެ ރަސްމިއްޔާތުގައި ވަހާކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކިއެކި މައްސަލަތަކުގެ ތެރެއިން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށެވެ. މަސްތުވާތަކެތި ޓްރެފިކްކުރުމުންފެށިގެން ރިހިބިލިޓޭޝަނާހަމަޔަށް ބެލިޔަސް ވަރަށްބޮޑަށް ބަލަމުންދާކަމަށާ އަދި މިކަމަކަށް އެކަށިގެންވާ ހައްލެއް ނާންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެހެމުންދާއިރު ރައްޖެ ދަތުރުކުރަމުންދާ މިސްރާބު ނުރައްކާތެރި ވިނަމަވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ލިބުން މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިވާބާއިން ރާއްޖެ ސަލާމަތްވާ ހިސާބަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުން އާބާދީއާއި އަޅާ ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ މާލޭގައި ބައެއް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުކަމަށް ދައްކާފައިވަނިކޮށެވެ. މިދިރާސާއިން ދައްކާގޮތުގައި މާލޭގައި އެންމެ ގިނައިން ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަކީ ހެރޮއިންއާއި ކެނަބިސްއެވެ. ދުވާލެއްގެ މައްޗަށް 700 ގްރާމުގެ ކެނަބިސް މާލޭގައި ބޭނުން ކުރާ ކަމަށް ދިރާސާއިން ދައްކާއެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރާ އަދަދާ އެވަރުގެ އަދަދެކެވެ.

މާލޭގައި ދެވަނައަށް އެންމެ ގިނައިން ބޭނުންކުރަނީ ހެރޮއިން ކަމަށް ދިރާސާއިން ދައްކައެވެ. އެއީ ދުވާލެއްގެ މައްޗަށް 18 ގްރާމެވެ. މިޢަދަދަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ހެރޮއިން ބޭނުން ކުރާ މިންވަރާ އަޅާ ބަލާއިރު ގިނަ ޢަދަދެއްކަމަށް ދިރާސާގައިވެއެވެ. މީގެ އިތުރުން މާލޭގެ ނަޖިސްފެނުން ކޮކެއިން, އެމްފެޓަމިންސް, މެތެމްފެޓަމިން(މެތް) އަދި އެމްޑީއެމްއޭ (އެކްސްޓަސީ) ވަނީ ފެނިފައެވެ.
މި ރިޕޯޓުން ދައްކާގޮތުން މާލޭގައި ދުވާލެއްގެ މައްޗަށް ކޮންމެ 1000 މީހަކަށް 1.3 ލީޓަރުގެ ރާ ބޯކަމަށް ދިރާސާއިން ދައްކައެވެ.

މަސްތުވާތަކެތީގެ ނޫނަސް އިޖުތިމާޢީ އެތައްމައްސަލައެއް ރާއްޖޭގައި އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ. އޭގެ ނުރައްކާތެރިކަން ކުޑަކުރުމަށް ތަފާތު އެކި މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.