ހޮންގްކޮންގްގައި މިހާރު ކުރަމުންދާ މުޒާހަރާތަކަށް ނިމުމެއްގެނައުމަށް މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ހޮންގްކޮންގްގެ އިސްވެރިޔާ ކެރީ ލާމް ވިދާޅުވެއްޖެއެވެ. މުޒާހަރާތައް އިތުރުވެ، ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ހޮންގްކޮންގްގެ އިސްވެރިޔާ ލާމް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ހޮންގްކޮންގްގެ ސަރުކާރުން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.
އެގޮތުން، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކޮށް ވަޒީފާގެ ބާޒާރު މިހާރަށްވުރެ މުއްސަނދިކުރުމަށް ފިޔަވަޅު އަޅާނެކަމަށް ލާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު އިސްލާޙުކޮށް އެކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޢުލާނު ކުރައްވާނެކަމަށެވެ. އަދި މިކަމުގައި މުޖުތަމަޢުގެ އެކި ފަންތިތަކުގެ ޚިޔާލު ހޯދާނެކަމުގެ ޔަޤީންކަން ހޮންގްކޮންގް ސަރުކާރުން މީގެ ކުރިންވަނީ ދީފައެވެ.
މީގެކުރިން، މިހާރު އެރަށުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮންގްކޮންގްގައި މިހާރު ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުން އުނދަގޫވާނެކަމަށް ކެރީ ލާމްވަނީ ވިދާޅުވެފައެވެ.
ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަނަމަވެސް މި މުޒާހަރާތައްވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.
އޭޝިޔާ ސަރަޙައްދުގެ އެންމެ ވަރުގަދަ އެއް މާލީ މަރުކަޒުކަމަށްވާ ހޮންގްކޮންގްގައި ކުރަންފެށި މުޒާހަރާތަކުގެ އަސްލުވަނީ ބަދަލުވެފައެވެ. މުޒާހަރާތަކުގެ ބައިވެރިން މިހާރު ގޮވާލަމުންދަނީ ޗައިނާގެ ބާރުގެ ދަށުން ވަކިވެ، ހޮންގްކޮންގަށް ދިމިޤްރާތީ ގޮތުން އިތުރު މިނިވަންކަން ލިބުމަށެވެ. އަދި 1997ވަނަ އަހަރު އެ ރަށް އިނގިރޭސިވިލާތުގެ އިސްތިޢުމާރުގެ ދަށުން ޗައިނާގެ ބާރުގެ ދަށަށް ގެނެސް ޢަމަލުކުރަމުން އަންނަ އެއް ޤައުމު ދެ ނިޒާމްގެ ކަސްތޮޅުން ހޮންގްކޮންގް މިނިވަންކުރުމަށްވެސް މުޒާހާރަތަކުގެ ބައިވެރިންވަނީ ގޮވާލާފައެވެ.
މި އަހަރުގެ ކުރީކޮޅު ހޮންގްކޮންގްގައި ފެށި މުޒާހަރާތަކަށް އެއްވާ އެތައް ހާސް މީހުންނާ އެ ރަށުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްދަނީ ހިނގަމުންނެވެ.