ޚަބަރު

ޤަވާޢިދާ ޚިލާފަށް ބިދޭސީން ރެކްރޫޓް ކުރާ "މާސްޓާ" ޑީޕޯޓު ކޮށްލައިފި!


ރާއްޖޭގައި ޤަވައިދާ ޚިލާފަށް ބިދޭސީން ރެކްރޫޓް ކުރުމާއި ވިޔަފާރުކުރަމުންއައި ބިދޭސީއެއްކަަމަށްވާ ޝަފީޤުލްއިސްލާމް "މާސްޓާ" އިމިގްރޭޝަނުން ޑީޕޯޓު ކޮށްލައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިމީހާ އަތުލައިގަތީ ފުލުހުންނާގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައިކަމަށެވެ. މިމީހާއަކީ ޢުމުރުން 49 އަހަރުގެ ފިރިހެނެކެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙަންމަދު އަހުމަދު ހުސައިން (ޙަނަފީ)ވިދާޅުވީ މިއީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްކަމަށެވެ.

މަގުސަދަކީ ޤަވާޢިދާ ޚިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދައި އެސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލްވުންކަމަށްވެސް ހަނަފީ ވިދާޅުވިއެވެ.

މިއަދު ޑީޕޯޓުކުރި ބިދޭސީ މީހާއަކީ ގިނަ ބިދޭސީންތަކެއް ޤަވާޢިދާ ޚިލާފުވުމަށް މެދުވެރިވާ ސަބަބެއް ކަމަށްވެސް ހަނަފީ ވިދާޅުވިއެވެ.

ދާދި ފަހުން އިމިގްރޭޝަނުންވަނީ ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެމީހަކުވެސް ހިފަހައްޓާފައެވެ. ރާއްޖޭގައި މިހާރު ޤަވާޢިދާ ޚިލާފަށް އުޅެމުންއަންނަ ބިދޭސީންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.