ސިޔާސީ

ރައީސްގެ އުމުރު ބަދަލުކުރާ ބިލަށް ގިނަ މެމްބަރުން ތާއީދު ކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ
މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތި ލެވޭނެ އުމުރަކީ 30
އަހަރާއި 65 އަހަރު ކަމުގައި ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށައަޅަފައިވާ
އިސްލާހަށް ގިނަ މެމްބަރުން ތާއީދުކޮށްފިއެވެ.



އިދިކޮޅު އެމްޑީޕީގެ
ބައެއް މެމްބަރުންވެސް އެއިސްލާހަށް ތާއީދުކޮށްފައިވެއެވެ. މިއިސްލާހުވަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފައެވެ. މި އިސްލާހު
ބަލައިގަތީ 44 މެމްބަރުންގެ ވޯޓުންނެވެ.
ހޯރަފުށި
ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ގާނޫނު އަސާސީއަށް ހުށައަޅާފައިވާ
އިސްލާހުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30
އަހަރާއި 65 އަހަރާ ދެމެދު ކަމަށެވެ. މިބިލް ހުށައަޅުއްވަމުން މުހައްމަދު
އިސްމާއީލް ވިދާޅުވީ، އެއިސްލާހު ހުށައެޅުއްވުމުގެ ބޭނުމަކީ، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި
ޒުވާނުން ތިބިއިރުވެރިކަން ކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލުންކަމަށެވެ.
މިއިސްލާހަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ޕީޕީއެމްގެ ޕާލިމެންޓްރީ
ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވީ، މިއީ ވަރަށް މުހިންމު
އިސްލާހެއްކަމަށާއި،އަމިއްލަ ނަޒަރުން ދެކޭނަމަ އެއީ ޒުވާނުންނަށް ހުޅުވިގެންދާ
އިތުރު ފަހި ފުރުސަތެއްކަމަށެވެ. ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނާއިބު
ރައީސް އަބްދުއްރަހީމް ވިދާޅުވީގާނޫނު އަސާސީއަށް ހުށަހަޅާފައިވާ މިއިސްލާހަކީ ވަކި
މީހަކު ގެނައުމަށް ފަރުމާކުރެވޭ އިސްލާހެއްކަމަށް ބަޔަކު އަޑު ފެތުރިޔަސް އެއީ
އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއްނޫންކަމަށެވެ.
މި އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑިޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ
އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީމިއިސްލާހަށް ތާއީދުކުރައްވާކަމަށެވެ.
ގާނުނުއަސާސީގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި،
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންކަމަށެވެ. ނަމަވެސް
ރައީސް ކަމަށް ކުރިމަތި ނުލެވޭނެވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާން
ކޮށްފައެއްނުވެއެވެ.
މިއިސްލާހް ފާސްވެ ގާނޫނަކަށްވެގެންގޮސްފިނަމަ ރާއްޖޭގެ ސިޔާސީ ބައެއް ޕާޓީތަކުގެ
ލީޑަރުންނަށް ރައީސްކަމަށް ދެން ކުރިމައްޗެއް ނުލެވޭނެއެވެ.  ވޭތުވެދިޔަ ރިޔާސީ ދެ އިންތިޚާބުގައިވެސް
ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އުމުރުފުޅުންވެސް 65
އަހަރުވެފައިވާތީ މިއިސްލާހް ގާނޫނަކަށްވެއްޖެނަމަ ދެން ރިޔާސީ އިންތިޚާބަށް އޭނާއަށް
ކުރިމައްޗެއް ނުލެއްވޭނެއެވެ.