ޚަބަރު

ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދެމުން ނުދޭ - ޔާމީން


ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދެމުން ނުދާކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީ.އެމް، ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދެމުން ނުދާކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުން މާޔޫސްވެފައިވާކަމަށެވެ.

މިއަހަރަށް ކަނޑައެޅި 30 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، މިހާރު ހުސްވެފައިވާކަމަށް ތުހުމަތުކުރައްވާ އަދުގެ ސަރުކާރަށް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނުހިންގޭކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ހޭވި ހަޑި ފިލުވަނީކަމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް މިހާރުވެސް ސިއްޙީ ދާއިރާއާ އެހެނިހެން ބައެއް ދާއިރާތަކުން ނިންމައި ތަންފީޒުކުރަނީ އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާކަންކަން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ވައުދުތައް އޮތީ ފުނިޖެހިފައިކަމަށާއި ޤައުމަށް ދިމާވާ ނިކަމެތިކަމަށް ޒިންމާވާން ޖެހޭނީ މި ސަރުކާރު ގެންނަން މަސައްކަތްކުރި ސިޔާސީ ލީޑަރުންކަމަށެވެ. ނަމަވެސް އެ ލީޑަރުންވެސް މިހާރު މާޔޫސްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަނގުރާމަވެރި ޖަމާޢަތްތަކުގެ މީހުންތިބޭކަމަށާއި، ޓެރަރިސްޓުންގެ ވާހަކަ ރާއްޖެއާ ގުޅުވައިގެން ދައްކާއިރު، އަނެއްކޮޅުން ފަތުރުވެރިކަން އިޝްތިހާރުކުރަމުންދާކަމީ، އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސަރުކާރުން ޓެރަރިޒަމްގެ ޤާނޫނު އިސްލާޙު ކުރުމަށް ހުށައަޅާފައިވާ އިސްލާޙުތަކަކީ ގެންނަންޖެހޭ އިސްލާހެއް ނޫންކަމަށް ވިދާޅުވެ އެކަމާދެކޮޅަށްވެސް ވާހަކަފުޅުދައްކަވާފައެެވެ.

މި ޖަލްސާގައި ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕީ.ޕީއެމް ޕީއެންސީގެ ބައެއް މެންބަރުން ވަނީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.