ސަރުކާރުގެ ވައުދެއްކަމުގައިވާ ސަރުކާރުގެ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ހުރިހާ ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ޑަބްލިއު.އެޗް.އޯގެ އެހީގައި ކުލިކް ކޮލެޖާއި ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްލުރާ ނެޓްވޯކަށް ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީންކުރުން ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޚިދުމަތްތައް މެދުކެނޑުނަނުދީ ކުރިއަށް ގެންގޮސް ދުވަހުން ދުވަހަށް ޖެހޭ މައްސަލަތަށް ހައްލުކޮށް އެފަދަ މައްސަލަތައް ދިމާ ނުވާނެގޮތަކަށް ސިސްޓަމް ބައްޓަން ކުރުމަށް މުވައްޒަފުން ތަމްރީނުކޮށްފައިވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތުވެސް މި ޕްރޮގްރާމުގައި ކިޔައިދީފައިވާނެ ކަމަށެވެ.
ވޯކްޝޮޕް ނިންމާލުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރު ވިދާޅުވީ ސިއްޙީ ޙިދުމަތްދޭ ހުރިހާތަނެއް އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި ތަމްރީނަކީ ދާއިރާގައި ޤާބިލް މުވައްޒަފުން އުފެއްދުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލިކްކޮލެޖްގެ ނައިބުރައީސް ޙަސަން ޢަބްދުއްﷲ ސައީދު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމް ނިމިގެން މިދަނީ ބައިވެރިންނާއި ފެސިލިޓޭޓަރުންގެވެސް ހިތްހަމަޖެހުމާއެކުގައިކަމަށެވެ. އަދި މިފަދަކަމެއް އެކޮލެޖުން ކާމިޔާބުކަމާއިއެކު ނިންމާލެވުމަކީ އުފާކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތް ނެޓްވޯރކް ޤާއިމްކުރެވުމުން، ސޮފްޓްވެއަރތައް މެދުވެރިކޮށް ހޮސްޕިޓަލުގެ ހިންގުމުގެ ނިޒާމް ވަރުގަދަ ކުރެވި ސްޓޭންޑަޑައިޒް ނިރާމެއްގެ ދަށުން ސިއްޙީ ނިޒާމް މޮނިޓަރކޮށް ބެލެހެއްޓިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.