ޚަބަރު

މަޖުބޫރު ނުކޮށް ދަރިވަރުން ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމަށް ބެލެނިވެރިން މަގުދައްކައިދިނުން މުހިންމު - ރައީސް


ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ އިޚްތިޔާރު ކުރުމުގައި މަޖުބޫރު ނުކޮށް އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމަށް މަގުދައްކައިދިނުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ތިބެގެން، ނުހޯދޭ ކިތަންމެ ޢިލްމެއް، ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުޞަތު މިހާރު އެބައޮތްކަމަށެވެ.

މިކަމަށް ދަރިވަރުންނާއި ބެލެނިވެރިން، އަދި މުދައްރިސުންވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވަންޖެހޭކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވަނީ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިޚްތިޔާރު ކުރުމުގެ މުހިންމު ކަމުގެމައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެެ.

"އެކަމުގައި ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯއެއް ނޫން. ބަލަންވީ، ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯ. އެދަރިފުޅުގެ ޤާބިލުކަން ކުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ. އެއަށްފަހު، ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން. އޭރުން އެ ކުދިންގެ ފަރާތުން ޢާއިލާއަށާއި ޤައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށެވެ. ވަކި މަރުޙަލާއެއް ތަފާތުނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުޞަތުތަކެއް ސަރުކާރުން ފަހިކޮށްދެމުން އަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުކަމުންކަން ފާހަގަކުރައްވަމުން ރައީސް ޞާލީހް ވިދާޅުވީ، ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށެވެ. ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއިން މީހުން ބިނާކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، ޢުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ މަތީ ވަނަތަކުން ރަމްޒުކޮށްދޭ އެއް ކަމަކީ، އެކުދިންނަށް ކިޔަވައިދޭ އެދުރުންގެ ޢިލްމީ ފެންވަރާއި ބުރަ މަސައްކަތްކަމަށާއި އެހެންކަމުން، ފެންވަރު ރަނގަޅު ތަޢުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުންކަން ފާގަކުރައްވާ ރައީސް ޞާލިހް ވަނީ ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ޙައްލެއް ހޯދައި އެކަން ފުރިހަމަކޮށް، ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް ވިދާޅުވެފައެވެ.

"ވަކިން ޚާއްޞަކޮށް، ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ޙައްލެއް އެބަ ބޭނުންވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ފުރިހަމަކޮށް، ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނަން. އެ ބަދަލުތައް އައުމުން، ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް އިތުރުވާނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ނަތީޖާވެސް ވަރަށް ބޮޑަށް މަތިވެގެންދާނެ. އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުން 6600 ދަރިވަރުން ސާނަވީ ތަޢުލީމް ނިންމިއިރު، ގަދަ 10 ވަނައިގައި ހިމެނުނީ 407 ދަރިވަރުންނެވެ. މިދިޔަ އަހަރުގެ ކޭމްބްރިޖް އިމްތިޙާނުގައި ދުނިޔޭގެ ސަތޭކަ ފަންސާހަކަށް ޤައުމުން އެތައް ލައްކަ ކުދިންނެއް ބައިވެރިވާއިރު އެ އިމްތިޙާނަކުންވެސް އެންމެ މަތީ ދަރަޖައިގައި ދިވެހި ދަރިވަރުން ފާސްވެ މިޖަލްސާގައި ވަނީ އިނާމްވަނީ ޙާސިލުކޮށްފައެވެ.