ޚަބަރު

މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ސިއްޙީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖެއިން


ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ރާއްޖެއިންކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ގުޅިގެން 2015 އިން 2017 އަށް ކުރި "މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް" ސަރވޭއިން ދައްކާގޮތުން 2017 ވަނަ އަހަރު ރާއްޖޭގެ ސިއްޙީ ކަންކަމަށް ހަހާސް މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

މި ޚަރަދުތަކުގެ ތެރެއިން 77 އިންސައްތަ އަކީ ސަރުކާރުން ޞިއްޙަތަށް ކޮށްފައިވާ ޚަރަދުތަކެއްކަމަށް އެ ސަރވޭއިން ދައްކައެވެ. އަދި ޞިއްޙީ ޚަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކޮށްފައިވާކަމަށާއި އެޑްމިޓްކުރުމަށް 19 އިންސައްތަ ހޭދަވެފައިވާކަމަށްވެސް އެ ސަރވޭއިން ދައްކައެވެ. މީގެ އިތުރުން، 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކޮށްފައިވަނީ ސިއްޙީ ދާއިރާއަށެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ރާއްޖެއެވެ.

މި ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ ހިމެނޭ ފަންތީގެ އެހެން ޤައުމަތަކާ އަޅާ ކިޔާއިރު، ސިއްޙީ ދާއިރާއަށް ކުރާ ހޭދައަކީ ނިޞްބަތުން ބޮޑު ހޭދައެއްކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާގެ ޚިދުމަތް، އިޖްތިމާޢީ ޞިއްހީ އިންޝޫރެންސް، އާސަންދައިގެ ދަށުން ލިބޭލިބުން އިހުނަށްވުރެ ފުޅާވެގެން ދިއުމުގެ ނަތީޖާއަކީ، ދައުލަތުން ކުރާ ހޭދަ އިތުރުވިއަސް ރައްޔިތުންގެ އަމިއްލަ ޖީބުން ޞިއްޙީ ފަރުވާއަށް ކުރާ ހޭދަ އިހުނާ އަޅާބަލާއިރު، 29 އިންސައްތައިން 20 އިންސައްތައަށް ދައްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން "ޔުނިވަރސަލް ހެލްތު ކަވަރޭޖް" ނުވަތަ ސިއްޙަތުގެ ކައުނީ ހިޔާ ޙަޤީޤީ މާނައެއްގައި ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދަކަށްވެސް ބޭނުންވާ ސިއްޙީ ޚިދުމަތްތައް، ތަފާތު ކުރުމެއްނެތި އަދި އެއްވެސް މާލީ ގޮންޖެހުމަކާއި ނުލާ ގާތުން ލިބޭނެ ގޮތް މެދުވެރިވުންކަމަށާއި މިކަން ޙާސިލްކުރުމަކީ ކޮންމެ ޤައުމެއްގެވެސް އަމާޒެއް ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ދުނިޔޭގެ އެކި ޤައުމުތަކުން ބޭނުންކުރަމުން ގެންދާ ޚާއްސަ ފްރޭމްވަރކްއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް ދެހާސް ފަނަރައިން ދެހާސް ސަތާރައަކީ 2015-17 އަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މި ފަދަ ރިޕޯރޓެއް އެކުލަވާލައި ތިންވަނަ ފަހަރެވެ.