ޚަބަރު

ޗައިނާގެ އުންމީދަކީ އެމެރިކާއާއެކު އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިޔުން


ޗައިނާގެ އުންމީދަކީ އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު މަޤާމަށް ދެން ވަޑައިގަންނަވާ ބޭފުޅަކު ދެ ޤައުމުގެ ދެމެދުގައި ބިނާކުރަނިވި ދައުރެއް އަދާކުރުންކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަށް ޤައުމީ ސަލާމަތާބެހޭ މުޝީރުގެ މަޤާމުން ޖޯން ބޯލްޓަން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ހުއާ ވިދާޅުވީ ބޯލްޓަން އިސްތިޢުފާދެއްވުމަކީ އެމެރިކާގެ ދާޚިލީ މައްސަލައެއްކަމުން އެކަމާމެދު ވަކި އެއްޗެއް ވިދާޅުވަން ބޭނުން ނުވާކަމަށާއި ދެން އެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މަސައްކަތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެމެރިކާ ސަރުކާރުގެ މަޤާމުތަކަށް ކިތަންމެ ފަހަރަކު ބަދަލު ގެނެއި ނަމަވެސް ޗައިނާގެ މައްސަލައެއް ނެތްކަމަށާއި ބޭނުންވަނީ ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަށް ގުޅުންތައް ބަދަހިވެގެން ދިއުންކަމަށް ހުއާވަނީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ ގުޅުން ދެމިއޮތުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެދޭގޮތްކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ބޭފުޅަކު ޤައުމީ ސަލާމަތާބެހޭ މުޝީރުގެ މަޤާމަށް ވަޑައިގަތް ނަމަވެސް ޗައިނާއިން އުންމީދުކުރަނީ ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

އުމުރުން 70އަހަރުގެ ބޯލްޓަނަށް ޤައުމީ ސަލާމަތާބެހޭ މުޝީރުކަން ލިބިވަޑައިގަތީ 2018ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. އެއަށްފަހު، ބޯލްޓަންވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ ހަރުކަށި ސިޔާސަތަކަށް ހައްދަވަން މަސައްކަތްކުރައްވާފައެވެ. ޚާއްޞަކޮށް، އީރާނާއި އަފްޣާނިސްތާނާމެދު އެމެރިކާއިން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުމަށް ބޯލްޓަންވަނީ ބާރު އަޅުއްވާފައެވެ.