ޚަބަރު

ދުނިޔޭގެ ފެންވަރުގައި ހޯދާ ރަން މެޑައްޔަށް 1.5 މިލިއަން ރުފިޔާ


ވޯލްޑް ސަރފިން ގޭމްސްގައި ދިވެހި ރާއްޖޭގެ ރާޅާއެޅުންތެރިއަކު ރަން މެޑައްޔެއް ހޯދައިފިނަމަ 1.5 މިލިއަން ރުފިޔާ ލިބޭނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ރާޅާއެޅުންތެރިން ރަން މެޑަލް ހޯދައިފިނަމަ ފައިސާ ދެއްވާނެތޯ ސުވާލުކުރުމުން، މިނިސްޓަރ މަހްލޫފް ވިދާޅުވީ ރާޅާއެޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ދެއްވާނެކަމަށެވެ.

ދިވެހި ސަރުކާރުން ކުޅުންތެރިން ހޯދާ މެޑައްޔަށް ފައިސާ ދެއްވަނީ އެ ކުޅިވަރެއްގެ ހައިސިއްޔަތުންނެވެ. އެގޮތުން، ދުނިޔޭގެ ފެންވަރުގައާއި، ސަރަޙައްދީ ފެންވަރުގައާއި ބައިނަލްއަޤްވާމީ އަދި ކުލަބު ފެންވަރުގެ މުބާރާތްތަކުގައި ހޯދާ ކާމިޔާބުތަކަށް ސަރުކާރުން ފައިސާ ދެއްވައެވެ.

ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓޭބަލް ޓެނިހުން 3 ރަން މެޑަލް ހޯދި ދީމާ ޢަލީއަށް 500،000 ރުފިޔާ ދެއްވުމަށް ޔޫތު މިނިސްޓްރީންވަނީ ނިންމަވާފައެވެ. އަދި އެންމެ ފަހުން ވޯލްޑް ކަޕު ކޮލިފައިންގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ޗައިނާ އަތުން ބަލިނުވެއްޖެނަމަ، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 100،000 ރުފިޔަ ލިބޭނެކަމަށްވެސް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ކުޅުންތެރިންނަށް ފައިސާގެ ބޮޑެތި އިނާމުތައް ދެއެވެ. އަދި އިންޑިއާފަދަ ޤައުމުތަކުން ކުޅުންތެރިންނަށް ބިންވެސް މިލްކުކޮށްދެއެވެ.