ކުޅިވަރު

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް: އިރުމަތީ ލަވާރސް ބަލިއިރު، ފެއިމްސް ގްރޫޕްގެ އެއްވަނައަށް


ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލްންޖްގެ އެންމެފަހުގެ ޗެމްޕިއަން އިރުމަތީ ލަވާރސް ބަލިކޮށް ދަރަވަންދޫ ކިންގްސް ޔުނައިޓެޑުން ކުއާޓާ ފައިނަލާ ގާތައް ޖެހިލައިފިއެވެ.

ފުޓްސަލް ޗެލެންޖްގައި އިރުމަތީ ލަވާސް ބަލިވީ ކިންގްސް ޔުނައިޓެޑާ ބައްދަލުކޮށް 4-3 ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކިންގްސް ޔުނައިޓެޑުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާލް މުނީޒް، ހުސެން ޝަރީފް (އޮންލީ)ގެ އިތުރުން ޝާމިއު އަލީ ޝަރީފްއެވެ.

ދެޓީމުގެ ފަރާތުންވެސް ގިނަހަމަލާތަކެއް ފެނުނު މި މެޗްގައި އިރުމަތީ ލަވާރސްއިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޝާހީ މޫސާ އަދި އަލީ ހާފިޒު (ހާއްޕެ)އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑުގެ ހުސެން ޝަރީފް (އޮންލީ)އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި މިލައިދޫ ރިސޯޓެވެ.

މި މެޗް ފަސޭހަ ކަމާއެކު ފެއިމްސް ކާމިޔާބުކުރީ 4-1 އިން ނެވެ. މި މެޗްގައި ފެއިމްސްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަބްދުލް މަޖީދު (މަޖިއްޓޭ)، އަޙުމަދު އަޝްރަފް (ސޮބީ) އަދި، ހާފިޒު އަޙްމަދުގެ އިތުރުން އަބްދުއް ސަލާމް އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސްގެ އަޙްމަދު އަސްރަފް (ސޮބީ) އެވެ.

މި ގްރޫޕްގެ މެޗެއް މިއަދުވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ މިރިއަންދޫ ރިސޯޓްގެ ވެސްޓިން ޓީމާ ދުސިތް ތާނީ ޓީމެވެ. މިއަދު މެޗުން ދުސިތް މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ވެސްޓިން ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ.

އޭދަފުށީގެ ކްލަބް ދަ ބިގިނާރސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.