ކުޅިވަރު

މިއުނިކް އެމްބެސެޑަރަކަށް ފިލިޕް ލާމް


2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖަރުމަނުގެ މިއުނިކްގެ އެމްބެސެޑަރަކަށް އެ ގައުމުގެ ކުރީގެ ކެޕްޓަން ފިލިޕް ލާމް ހަމަޖައްސައިފިއެވެ.

ލާމް އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. އޭނާ ބުނީ މި ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށާއި މިއުނިކަކީ އޭނާގެ އުފަން ސިޓީ އަށްވުމުން ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އުފަލާއެކު ހިފާނެ ކަމަށެވެ.

އުމުރުން މިހާރު 35 އަހަރުގެ ބަޔާން މިއުނިކްގެ ކެޕްޓަން ބުނީ ޔޫރޯ 2020 ޔޫރަޕުގެ އެކި ގައުމުތަކުގައި ބޭއްވި ނަމަވެސް މި މުބާރާތް ޖަރުމަނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ޖަރުމަނުގައި ކުޅެންޖެހޭ މެޗުތަކުގެ އިންތިޒާމްތައް ވީއެންމެ ފުރިހަމައަކަށް ނިންމާލުމަށް އޭނާގެ ހިޔާލާއި އިރުޝާދު ދޭން ތައްޔާރަށް ހުރި ކަމަށެވެ.

ލާމް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 113 މެޗުން ފަސް ގޯލު ޖަހާދީފަ އެވެ.

2020ގެ ޔޫރޯ އަކީ ޔޫރަޕުގެ އެކި ގައުމުތަކަށް ބަހާލައިގެން ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުޅެން ނިންމާފައިވަނީ 12 ގައުމެއްގަ އެވެ. ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅޭނީ އިނގިރޭސިވިލާތުގަ އެވެ.