ޚަބަރު

ރާއްޖޭގެ 2 ރާޅާއެޅުންތެރިން ވޯލްޑް ސަރފިން ގޭމްސްގެ 2ވަނަ ބުރަށް

ދިވެހިރާއްޖޭގެ ދެ ރާޅާއެޅުންތެރިންކަމަށްވާ ހުސެއިން އަރީފްއާއި އިސްމާޢީލް ރަޝީދު ވޯލްޑް ސަރފިން ގޭމްސްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި މަހުގެ 7ން 15އަށް ޖަޕާނުގައި ކުރިއަށްދާ ވޯލްޑް ސަރފިން ގޭމްސްގެ ދެވަނަ ބުރުން ހުސެއިން އަރީފް ޖާގަހޯދާފައިވަނީ އޭނާ ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. އަދި މުބާރާތުގެ ދެވަނަ ބުރުން އިސްމާޢީލް ރަޝީދު ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދައިގެންނެވެ.

ހަތަރު ރާޅާއެޅުންތެރިންނާއި ވާދަކޮށް، އަރީފް ހީޓްގެ އެއްވަނަ ހޯދާފައިވަނީ 9.3 ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުން 2ވަނަ ހޯދާފައިވަނީ 9.23 ޕޮއިންޓް ހޯދި ސެނަގޯލްގެ ޗެރިފެވެ. އަދި ހީޓްގެ ތިންވަނަ ހޯދީ 8.3 ޕޮއިންޓް ހޯދައިގެން ގުއާމްގެ ކްރިސްޓިއަންއެވެ. މި ހީޓުން ފުލަށް ދިޔައީ 5.7 ޕޮއިންޓް ހޯދި ޗައިނާގެ ލިން ޖުންވީއެވެ.


އިސްމާޢީލް ރަޝީދު ވާދަކުރި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ސްވިޑިންގެ ރިކޫ ޖޯކިމެވެ. އޭނާވަނީ 9.4 ޕޮއިންޓް ހޯދައިފައެވެ. އިސްމާޢީލް ރަޝީދަށް ހީޓްގެ ދެވަނަ ލިބުނީ 9.07 ޕޮއިންޓް ހޯދައިގެންނެވެ. އަދި ނޯވޭގެ ފްރޮޑީ ހީޓްގެ ތިންވަނަ ހޯދީ 4.53 ޕޮއިންޓް ހޯދައިގެންނެވެ. މިހީޓުން ފުލަށް ދިޔައީ ފީޖީގެ ނަކަލުވީއެވެ. އެއީ 4.24 ޕޮއިންޓް ހޯދައިގެންނެވެ.

ވޯލްޑް ސަރފިން ގޭމްސްގެ ދެވަނަ ބުރުގެ ހީޓްތަށް ކުރިއަށްދާނީ މާދަމާއެވެ. ވޯލްޑް ސަރފިން ގޭމްސްގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވާދަކުރެއެވެ. މިއީ 2002ވަނަ އަހަރުގެ ފަހުން ރާއްޖެއިން، ވޯލްޑް ސަރފިން ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.