ސިޔާސީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ


މިމަހުގެ އެގާރައިގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށާ، މިދަތުރުފުޅުގައި ތިންވަނަ ޗައިނާ ސައުތްއޭޝިޔާ އެކްސްޕޮޒިޝަން، އަދި ސައުތުއޭޝިޔާ ބިޒްނަސް ފޯރަމްގައި ބައިވެރިވެޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.މީގެ ތެރޭން ސައުތުއޭޝިޔާ ބިޒްނަސް ފޯރަމަކީ ކޮންމެއަހަރަކު ޗައިނާގެ މިނިސްޓްރީއޮފް ކޮމާސްއާ ޔުނާން ޕްރޮވިންސް ގުޅިގެން ޗައިނާއާ ސައުތުއޭޝިޔާގެ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށް ބޭއްވޭ ފޯރަމެއްކަމަށާ، މި ފޯރަމުގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް ޔުނާން ޕްރޮވިންސްގެ ޤަވަރނަރ ދައުވަތު ދެއްވާފައިވާކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވިއެވެ.ޗައިނާގައި އޮންނަ ބިޒްނަސް އެކްޕޮޒިޝަންގައި ރާއްޖޭގެ ޑެލިގޭޝަނުގެ ހަސިއްޔަތުން  ބައިވެރިވެވަޑައިގެންނެވުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވާނެކަމަށާ، މިނިސްޓަރުގެ އަރިހުގައި ރާއްޖޭގެ ވިޔަފާރި ޑެލިގޭޝަނެއްވެސް ދަތުރުފުޅު ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.