ޚަބަރު

މަޑިފުއްޓަށް 400 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވައިފި


ތ.މަޑިފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކޮށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް އެރަށައް ފޮނުވައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އެރަށައް ފޮނުވާފައިވަނީ 400 ކިލޯ ވޮޓުގެ ޖަނަރޭޓަރެއްކަމަށެވެ.

މިހާރުވެސް އެރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ތިން ޖަނަރޭޓަރު ބޭނުންކުރާކަމަށް ފެނަކައިން ވިދާޅުވެއެވެ. އެގޮތުން ދުއިސައްތަ ފަންސަވީހާއި ސަތޭކަ ފަސްދޮޅަސް އަދި ސަތޭކަ ފަންސާސް، މެގަ ވޮޓުގެ ތިން ޖަނެރޭޓަރު ބޭނުންކުރަމުންދިޔަ ނަމަވެސް އެރަށުގައި ކަރަންޓުގެ ލޯޑް މަތިވާވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް އެރަށަށް ފޮނުވި ޖަނަރޭޓަރާއެކު އެކަށީގެންވާގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރަށްރަށުގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން މީގެކުރިންވެސް ފެނަކައިން ވަނީ 5 ރަށަކަށް އިންޖީނު ފޮނުވައި އިންސްޓޯލްކޮށްފައެވެ.

ފެނަކައިން ވިދާޅުވީ ރަށްރަށަށް އިންޖީނު ފޮނުވަމުންދަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ރަށްތަކަށް، އެއްވެސް ދަތިކަމެއްނެތި ކަރަންޓު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް. އެ ކުންފުނިންދަނީ ރަށްރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން. އެގޮތުން މިއަހަރު ފުރަތަމަ ހަމަހު ރަށްތަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ސަތޭކަ ފަންސާސް ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވޭ.

އެކުންފުނިންދަނީ މަރާމާތައް ބޭނުންވާ އިންޖީނުތައް ހެދުމާއި، އިންޖީނުގެތަކަށްވެސް ބަދަލު ގެނެސް، ރަށުގައި މީހުން ނޫޅޭ ސަރަޙައްދުތަކަށް އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.