ޚަބަރު

ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ފުޅާކޮށް ކަނޑުމަތީގެ ބައެއް ސަރަހައްދުތައް ބަލައި ފާސްކުރަން ފަށައިފި


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ތަޙްޤީޤަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން ފުޅާކޮށް ކަނޑުމަތީގައިވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

އިއްޔެ ފެށި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެއްގެތަކުގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ތަންތަނާއި ގެތަކާއި މީހުންވަނީ ބަލާ ފާސްކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިޔާ ޒާހިރު ވިދާޅުވީ ފުލުހުން ހިންގަން ފަށާފައިވާ އޮޕަރޭޝަނުގައި މިހާރުވެސް މާލޭގެ 3 ގެއެއް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ކަނޑުމަތީގައިވެސް މި އޮޕަރޭޝަން ކުރިއަށްދާކަމަށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ހިންގާ މިއޮޕަރޭޝަންގައި އެކިތަންތަނާއި، މީހުން ބަލާ ފާސްކުރިނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެއެވެ.

ފުލުހުން މާލެއާއި ހުޅުމާލެއާއި އައްޑޫ ސިޓީގައި ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ޤައުމީ ދިފާޢި ބާރު، އެމްއެންޑީއެފުންވެސް ވަނީ މާލޭގައި ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.