ޚަބަރު

ގައުމީ ވޮލީބޯޅަ މުބާރާތް: ހުރާ ބަލިކޮށް އެޗްޑީސީ ތިންވަނަ ސެމީއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުވެސް ހުރާއަށް ގެއްލިފައިވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުންނެވެ. މި ދެ ސެޓު އެޗްޑީސީން ކާމިޔާބުކޮށްފަވަނީ 26-24 އަދި 28-26 އިންނެވެ.

މި މެޗުގެ ތިންވަނަ ސެޓާއެކު ހުރާ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، މި މެޗުގައި ހުރާ ޓީމަށް ވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. އެކަމުގެ ފައިދާ އެޗްޑީސީން ނެގިއިރު، މެޗުގެ ފަހު ސެޓު އެ ޓީމުން ކާމިޔާބުކުރީ 8 ޕޮއިންޓުގެ ފަރަގަކާއެކު 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ޝަމާއިލް ހުސެއިނެވެ.

މި މެޗުން މޮޅުވެ ތިންވަނަ ސެމީގެ ޖާގައެއް އެޗްޑީސީން ހޯދިއިރު، މިރޭގެ މެޗުގައި އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބުން ނުކުންނާނީ ލީގުގެ ދެވަނަ ހޯދި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭއިރު، މެޗުން ބަލިވާ ޓީމެއް ތިންވަނަ ސެމީގައި ނުކުންނާނީ އެޗްޑީސީއާ ދެކޮޅަށެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަމުންދަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.