ޚަބަރު

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުން މިމަހުގެ 21 ގައި


އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމަށް މިއަހަރުވެސް ސާފުކުރުމުގެ ޙަރަކާތް ކުރިއަށްގެންދިޔުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނިންމަވައިފިއެވެ.

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަސް. އެގޮތުން މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްވެސް ރަށު ކައުންސިލުން އިސްނަގައިގެން މުޅި ރާއްޖެ ސާފުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އީޕީއޭއިން ވަނީ މިދުވަސް ފާހަގަކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައިރަށެއް ސާފުކުރުމަށްފަހު ނަގާ ކުނިތައް ވަކި ކުރުމަށްފަހު ޕްލާސްޓިކާއި ބިއްލޫރިއާއި ދަނގަނޑާއި އަދިވެސް އެހެނިހެން ބާވަތްތައް ނެގުނުމިންވަރު އަންދާޒާ ކުރުމަށްފަހު އެއެޖެންސީއަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމުގެ މަޤްޞަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދާއި ވަށައިގެންވާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެމައްޗަށް ޢާންމުން ހޭލުންތެރި ކުރުވުންކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ކޮންމެ އަހަރެއްގައިވެސް ކޯސްޓަލް ކްލީން އަޕްޑޭ ފާހަގަކުރުމަށް ހިންގާ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ ކުނި ނަގާކަން ފާހަގަކުރެވެއެވެ.