ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލުން ޑަޔަލަސިސް ޚިދުމަތުގެ އަގުހެޔޮކޮށްފި


ޓްރީ ޓޮޕް ހޮސްޕިޓަލްއިން ދޭ ޑަޔަލަސިސް ޚިދުމަތުގެ އަގުހެޔޮކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޑަޔަލަސިސް ޚިދުމަތަށް އާސަންދައިން ކެނޑުމަށްފަހު ކޮންމެ ޑަޔަލަސިސް ހިދުމަތަކަށް މީގެ ފަހުން ނަގާނީ 1000 ރުފިޔާކަމަށެވެ. މިޙިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ޑރ. މްލާޑެން ނޯޓެކްއެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކައް ތަމްރީން ކުރެވިފައިވާ ނަރުހުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑަޔަލަސިސް ނުވަތަ ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއަކީ ޑަޔަލަސިސް ފަރުވާއަށް މިހާރުދެވޭ އެންމެ މަތީފެންވަރުގެ އަދި އެންމެފުރިހަމަ ފަރުވާކަމުގައި ޓްރީޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ. ޑަޔަލަސިސްގެ ޙިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން، ހީމޯޑަޔަފިލްޓްރޭޝަންގެ ފަރުވާ ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތް އާންމުގޮތެއްގައި އާދައިގެ ޑަޔަލަސިސް ފަރުވާ ބޭނުންކުރާ ފަރާތްތަކަށްވުރެ ރަނގަޅުކަމުގައި ދިރާސާތަކުން ދައްކައެވެ.

ޓްރީޓޮޕުން ބުނާގޮތުން މިފަރުވާގައި ބޭނުންކުރެވޭ ފެނުގެ ސާފުތާހިރުކަމުގެ ފެންވަރު މަތިކުރެވިފައިވުމުގެ ސަބަބުން، އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.